English Edition
Dhivehi Edition
އިނގިރޭސި ވިލާތުގެ މަޖިލީހުގެ ރައީސްއާއެކު ރައީސް މުއިއްޒު

ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުން ކުރިއަށް ނުގެންގޮސް މަޑުޖައްސައިލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ. ފޮރިން މިނިސްޓްރީން ބުނީ މިއީ ޗާގޯސްގެ މައްޗަށް ރާއްޖޭގެ އޮތް ތާރީޚީ ހައްގުތަކާ ގުޅޭގޮތުން އިނގިރޭސިވިލާތާއެކު އަލުން މަޝްވަރާ ފެށުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.

އިނގިރޭސިވިލާތުން މި މަސައްކަތް މަޑުޖައްސައިލީ ޑިއޭގޯ ގާސިއާގައި ހިންގާ އެމެރިކާގެ އަސްކަރީ މަރުކަޒުގެ ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދު މޮރިޝަސްއާ ހަވާލުކުރުމަކީ “މޮޔަ” ކަމެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރެއްވުމާ ގުޅިގެންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗާގޯސް ނުވަތަ ފޯޅަވައްސަކީ ޒަމާނުއްސުރެ ރާއްޖޭގެ ބައެއްކަން ތާރީޚީ ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށާއި، އެތަން ހަވާލުކުރަންޖެހޭ ހައްގުވެރި ގައުމަކީ ރާއްޖެ ކަމަށް އިނގިރޭސި ސަރުކާރަށް ދަންނަވާފައެވެ.

މި މައްސަލައިގައި ރާއްޖެއިން ގެންގުޅޭ އައު ސިޔާސަތަށް ނުރުހުން ފާޅުކޮށް، މޮރިޝަސްގެ ސަރުކާރުން ވަނީ ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ވަގުތީ ގޮތުން ކަނޑައިލަން ނިންމާފައެވެ. ނަމަވެސް، ދިވެހި ސަރުކާރުގެ އަމާޒަކީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ސިޔާދަތީ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.