English Edition
Dhivehi Edition

“މަސް ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު”މި ނަމުގައި އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުން ގެންދާކަމަށް
ރާއްޖެ މޮރިޝަސް ބޯޑަރުގެ މައްސަލާގައި، އިދިކޮޅު ފަރާތްތަކުން ހަދާފައިވާ ކޯލިޝަނުން ބުނެފިއެވެ.

ރޭ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިޝަން ރާއްޖެ އިމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުން ރާއްޖެއިން ބަލައި ނުގަންނަކަން މޮރިޝަސްގެ ސަރުކާރަށާއި އިޓްލޮސްއަށް އެންގުމަށް ގޮވާލާ ރައީސް ސޯލިހަށް ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަކަމަށް ކޯލިޝަނުން ވަނީ ބުނެފައެވެ.

އަދި އެ މައްސަލަ އަލުން ބަލައިދިނުމަށް އިޓްލޮސްއަށް ހުށަހެޅުމުގެ އިތުރުން ރާއްޖޭގެ ގާނޫނުން ކަނޑައަޅާފައިވާ 200 ނޯޓިކަލް މޭލު ހޯދުމުގެ މަސައްކަތްކުރުމަށްވެސް ޕެޓިޝަންގައި ގޮވާލާފައިވާނެކަމަށް ކޯލިޝަނުން ބުނެއެވެ. މީގެއިތުރުން މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ގައި ރައީސް، މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ އަނބުރާ ގެންނެވުމަށްވެސް ޕެޓިޝަނުގައި ގޮވާލާނެކަމަށް ކޯލިޝަނުން ބުނެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި،މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަންވެސް އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރުވެސް އަލަށް ބައިވެރިވެވަޑައިގެންނެވިއެވެ.

އުމަރު، ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ކަނޑުން ބައެއް ސަރުކާރުން ދޫކޮށްލާފައިވާކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި ކަނޑުން ބައެއް ދޫކޮށްލުމުގެ ބާރަކީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ނޫންކަމަށްވެސް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލި މައްސަލަ ދެން އަންނަ ވެރިކަމެއްގައި ބަލާނެ ކަމަށެވެ.