ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދޭން އިނގިރޭސިވިލާތުން އެއްބަސްވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޓީފުޅެއް އެ ގައުމަށް ފޮނުއްވައިފިއެވެ.
ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އިނގިރޭސިވިލާތުން އިސްތިއުމާރުކޮށްފައި އޮތް ޗާގޯސްއާއި ގުޅޭ ގޮތުން ފޮނުއްވި ސިޓީގައި ރައީސް ވިދާޅުވީ ޗާގޯސްގެ ރަށްތައް ރާއްޖެ އަށް ލިބުން “މާ އައުލާންކަން ބޮޑު” ކަމަށެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި އެކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ އެމްޑީޕީގެ ސަރުކާރުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ދޫކޮށްލީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ. އެކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ބަހެއް ވެސް ހޯދާފައި ނުވާ ކަން ފާހަގަކުރައްވައި ރައީސް ކަންބޮޑުވުންފާޅުކުރެއްވި އެވެ.
ޗާގޯސްގެ ރަށްތަކަށް އިިނގިރޭސިން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 1965 ވަނަ އަހަރު މޮރިޝަސް އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރުއެވެ. އަދި ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް ކުއްޔަށް ދީފައި ވަނީ 2036ގެ ނިޔަލަށެވެ.
ނަމަވެސް 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފައެވެ.
އެ ރަށްތަށް އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ކިބައިން އދ.އިން ވެސް ވަނީ ތަކުރާރުކޮށް އެދިފައިވެއެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ.
ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. މޮރިޝަސް އަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.
އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް އެކުލަވައިލައިފައިވެއެވެ. އެ ކޮމިޓީގައި އިސްކޮށް ހުންނަވަނީ ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލެވެ.