English Edition
Dhivehi Edition

ކަނޑުން ބައެއް ގެއްލުނު މައްސަލައަކީ ސިޔާސީ މައްސަލައެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޗާގޯސް މައްސަލަައިގާ ސަރުކާރު ޖަވާބުދާރީކުރުވުމަށް އެކުލަވާލާފައިވާ އިއްތިހާދުން ޖެން ހޮޓަލުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ އެ މައްސަލާގައި ސަރުކާރު ޖަވާބުދާރީކުރުވުމަށް އެކުލަވާލާފައިވާ އިއްތިހާދަކީ ސިޔާސީ ފިކުރުތައް އެކަހެރި ކުރުމަށް ފަހު ގައުމީ ވިސްނުމެއްގައި މަސައްކަތް ކުރަން ނިކުމެ އޮތް ކޯލިޝަނެއް ކަމަށެވެ.

މި ޖަލްސާގައި ވަނީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައަޅައި ބަހާލުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި އަންނަ މަހު 2 ވަނަ ދުވަހު ބޮޑު އެެއްވުމެއް ބާއްވަން ވެސް ނިންމާފައެވެ. މި އެއްވުމަކީ އެއްވެސް ހާލެއްގައި ސިޔާސީ އެއްވުމެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އެ މައްސަލާގައި ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް މިހާތުފަށާފައިވާ ކަމަށާއި މި ޕެޓިޝަނަކީ ސަރުކާރުން މި މައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވައިލާ ގޮވައިލުމެއް ކަމަށް އެ އިއްތިހާދުން ބުނެއެވެ.