English Edition
Dhivehi Edition
ހުޅުމާލޭ ފޭސް ދޭއްގެ ދޯދި ފްލެއްޓްތައް ކައިރީ އަލިފާނުގެ ހާދިސާ ހިނގުން: ފޮޓޯ ވޮއިސް

ހުޅުމާލެ ފޭސް 2 ގެ ދޯދި ފްލެޓް 11 ކައިރީގައި ހުރި ކުނިތަކެއްގައި ރޭ ދަންވަރު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވެއްޖެއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 02:21 ހާއިރުއެވެ. ހާދިސާގެ ރިޕޯޓު ލިބުމާއެކު، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

އަލިފާން ރޯވެފައިވަނީ ފްލެޓްތަކަށް އަލަށް ބަދަލުވި މީހުން އެ ސަރަހައްދަށް ޖަމާކޮށްފައި ހުރި ބޮޑު ކުނިފުންޏެއްގައެވެ. މި ހާދިސާގައި ކުނިތަކުގައި ވަރަށް ގަދައަށް ރޯވެ، ބޮޑު އަލިފާންގަނޑެއް އުފެދިފައިވާތީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އަލިފާންގަނޑު ވަނީ ފްލެޓްތަކުގެ ވަރަށް ކައިރިއަށް ފެތުރިފައެވެ.

ފްލެޓްތަކުގައި އެތައް ސަތޭކަ ބަޔަކު ދިރިއުޅޭއިރު، އިމާރާތްތަކާ މިހާ ކައިރީގައި ކުނި ޖަމާކޮށްފައި ހުރުމަކީ ބޮޑު ނުރައްކަލެއް ކަމަށް އާންމުން ދަނީ ބުނަމުންނެވެ. މިފަދަ ހާދިސާތައް ތަކުރާރުވުމުގެ ކުރިން، ކުނި އުކާލުމުގެ ކަންކަން ހަރުދަނާކޮށް، ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގިނަ ބަޔަކު ބުންޏެވެ. ކުނިފުނީގައި އަލިފާން ރޯވާން ދިމާވި ސަބަބު ފުލުހުންނާއި ސިފައިން ދަނީ ތަހުގީގު ކުރަމުންނެވެ.