English Edition
Dhivehi Edition
ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީގެ ލީޑާޝިޕްގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދިފައިވާ ކަމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ނުކުންނާނީ އެކުގައި ކަމުގެ ޔަގީންކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ. ރައީސް ސޯލިހު މިކަން ހާމަކުރެއްވީ، ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ޕާޓީގެ އެތެރޭގައި އުފެދުނު ބައެއް މައްސަލަތަކާ ގުޅިގެން އާންމު މެމްބަރުންނަށް މާޔޫސްކަން ލިބުނު ނަމަވެސް، މަޝްވަރާކުރެވިގެން މިހާރު ވަނީ އެކަންކަމަށް ހައްލެއް ހޯދިފައެވެ. އެގޮތުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، އެހެނިހެން އިސް ބޭފުޅުން އެކުގައި މަސައްކަތްކުރާތަން ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމްޑީޕީ ތެރޭގައި މައްސަލަ ބޮޑުވީ، މާލޭގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދައްކަވަން ފުރުސަތު ނުދިނުމާ ގުޅިގެންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ތަފާތު ހިޔާލުތަކަށް ޖާގަދޭ ޕާޓީއެއް ކަމަށާއި، މިއީ އާންމުކޮށް ޕާޓީ ތެރޭގައި ދިމާވާ ކަންކަން ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް ދިން ތާއީދަކީ މިހާރުގެ ސަރުކާރު ބަދަލުކުރުމަށް ރައްޔިތުން ހަވާލުކުރި ޒިންމާއެއް ކަމަށާއި، އެ އަމާޒަށް ވާސިލުވުމަށް މިއަދުން މިއަދަށް މަސައްކަތް ފަށަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓެގު