ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 20 ކޯޓާ އާ ހަމައަށް ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ގެންނަ ބިދޭސީންގެ ކޯޓާފީ، 20 ކޯޓާ އާ ހަމައަށް ދައްކަން ނުޖެހޭ ގޮތަށް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ދާދި ފަހުން ވަނީ އިސްލާހު ގެނެސްފައެވެ.
އޭޕްރީލް 1 ވަނަ ދުވަހު ގެޒެޓް ކުރެވިފައިވާ މިއިސްލާހުގައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، މިލުއި މި ފަދަ ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.
މި ގެނެވުނު ބަދަލާއެކު ގާތްގަނޑަކަށް 30 ހާހަށްވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީގެ ލުޔެއް ލިބިގެންދާނެއެވެ. ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ކޯޓާ ފީއެއްގެ ގޮތުގައި ކޯޓާއަކަށް އަހަރަކަށް 2000 ރުފިޔާ ދައްކަންޖެހެއެވެ. މީގެ އިތުރުން، އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް މިލުއި ގެ ބޭނުން ހިފިޔަ ނުދިނުމަށްޓަކައި، އެއްހިއްސާދާރެއް ނުވަތަ މަސްއޫލުވެރިއެއް ނުވަތަ ޕަރޓްނަރުން ހިމެނިގެން ހިންގާ ވިޔަފާރިތަކަށް މިލުއި ތަކުރާރު ނުވާނެ ގޮތަށްވެސް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.
އަދި މިބަދަލު ގެނައުމުން، މިކަމުގައި ވަޒީފާ ދޭ ފަރާތުން ކަން ކުރަންޖެހޭ ގޮތްތައް އަންގައިދޭ ޔޫސަރ ގައިޑްލައިންތައް އެކްސްޕެޓް ސިސްޓަމްގައި ޝާއިއު ކުރެވެމުންދާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. .
ދެ އަހަރު ތެރޭ ނިޒާމީ ގޮތެއްގައި މިހާރު ހުރި މައްސަލަތަކަށް އެދެވޭ ހައްލެއް ގެނެސް، ރާއްޖޭގެ އިގްތިސާދުގައި މި ވިޔަފާރިތައް އަދާކުރާ ދައުރު ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.