ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ޓޫރިޒަމް ހިމެނޭހެން އެކި ވިޔަފާރިތަކަށް ޑޮލަރުން ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 860 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޔޫތު އޮންޓްރަޕްރިނަސް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ޝަރީފު ވިދާޅުވީ، މިއީ 2023 ވަނަ އަހަރުގެ ނިޔަލަށް ޑޮލަރުން ދޫކޮށްފައިވާ ލޯނުތަކާ އަޅާބަލާއިރު ދެ ގުނަ އިތުރު އަދަދެއް ކަމަށެވެ.
ބޭންކުން ޑޮލަރު ދޫކުރާ މިންވަރުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ޝަރީފު ވިދާޅުވީ، 2021 އިން 2023 ގެ ނިޔަލަށް ބޭންކުން ދޫކޮށްފައިވަނީ ޖުމްލަ 249 މިލިއަން ޑޮލަރުގެ ލޯނު ކަމަށެވެ. ނަމަވެސް 2024 ވަނަ އަހަރު އިތުރަށް 142 މިލިއަން ޑޮލަރު، 2025 ވަނަ އަހަރު އިތުރަށް 284 މިލިއަން ޑޮލަރު އަދި މި ހިނގާ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް އިތުރަށް 226 މިލިއަން ޑޮލަރުގެ ލޯނު ވިޔަފާރިތަކަށް ދޫކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބޭންކުން މިހާ ބޮޑެތި އަދަދުތަކުން ޑޮލަރު ދޫކުރަމުންދާތީ، ބޭންކުގައި ޑޮލަރު ނެތް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް ޝަރީފު ވިދާޅުވިއެވެ.
“މިއަހަރު މިދަނީ ގާތްގަޑަކަށް 80 މިލިއަން ޑޮލަރު ކޮންމެ މަހަކު ވިއްކަމުން. މިހާވަރަށް އިތުރަށް މިހާރު ޑޮލަރު ވިއްކަނީ ޑޮލަރު ނެތީމަތޯ؟” ބޭންކުގެ މާލީ ގާބިލުކަމާ މެދު ޔަގީންކަން ދެއްވަމުން ޝަރީފު ސުވާލު ކުރެއްވިއެވެ.
މީގެ އިތުރުން ޝަރީފު ވިދާޅުވީ، ކާޑުގެ މuއާމަލާތްތަކަށާއި، ޓީޓީ ފޮނުވުމަށާއި، ތައުލީމާއި ބޭސްފަރުވާގެ އިތުރުން ދަތުރުވެރިންނަށް ޑޮލަރު ވިއްކުމާއެކު މިއަހަރު ކޮންމެ މަހަކު އެވްރެޖްކޮށް 80 މިލިއަން ޑޮލަރު ބޭންކުން ބޭރުކުރާ ކަމަށެވެ. މިއީ ބޭންކުގެ ތާރީހުގައިވެސް އެންމެ ގިނައިން ޑޮލަރު ވިއްކާ މުއްދަތުކަން ފާހަގަކުރައްވައި، 2020 ވަނަ އަހަރު ކާޑުތަކަށް ކަނޑައެޅި 250 ޑޮލަރުގެ ލިމިޓް، މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ހިދުމަތްތަކަށް 1000 ޑޮލަރަށް އަދި ބޭސްފަރުވާއާ ދަތުރުތަކަށް 3000 ޑޮލަރަށް ބޮޑުކުރި ގޮތަށް ބަދަލެއް ނެތި މިއަދާ ހަމައަށްވެސް ހިދުމަތް ދެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.