English Edition
Dhivehi Edition
ރައީސް ނަޝީދު ވޯޓުލުން: ފޮޓޯ ލޫކަސް ޖަލީލު

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ކަންކަން ކުރިއަށްދާގޮތާމެދު ވަރަށް އުފާވާ ކަމަށާއި، ރާއްޖޭގައި ޑިމޮކްރަސީ ހިނގާތަން ފެންނަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވޯޓު ދެއްވުމަށްފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބުގެ ކަންކަން ވަރަށް އޮމާންކަމާއެކު ކުރިއަށްދާ ކަމަށާއި ރައްޔިތުން ނުކުމެ ވޯޓުލަމުންދާ މަންޒަރަކީ ހިތަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބޭ ކަމެއް ކަމަށެވެ. އަދި މި އިންތިހާބަށް ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް ވަރަށް ސުލްހަވެރިކަމާއި ޖޯޝާއެކު ކެމްޕޭން ކުރިއަށް ގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އިންތިހާބުގައި ވޯޓުލުމަކީ ހުރިހާ ރައްޔިތުންގެ ވެސް މަސްއޫލިއްޔަތެއް އަދި ވާޖިބެއް ކަމަށެވެ. ގާނޫނީ ދައުލަތެއް ހިފަހައްޓައި ގައުމުގެ ތަނަވަސްކަން ހޯދޭނީ މިފަދަ ޑިމޮކްރެޓިކް ނިޒާމުތައް ފައްކާކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު މެންދުރު 12:00 އާ ހަމައަށް 62,083 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 21.05 އިންސައްތައެވެ. މި އިންތިހާބުގައި ޖުމުލަ 2,961 ކެންޑިޑޭޓުން ވާދަކުރާއިރު، ވޯޓުލާ ވަގުތު މިހާރު ވަނީ ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފައެވެ.