English Edition
Dhivehi Edition
ލޯކަލް ކައުންސިލް އިންތިހާބު 2026 ގައި ވޯޓުފޮއްޓެއް ބަންދުކޮށްފައި

ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ވޯޓުލުން ނިމި، 512 ވޯޓު ފޮށި ބަންދުކޮށް ނަތީޖާ ކަށަވަރުކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ. މިއަދު ހަވީރު 5:00 އާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުރުކުރުމަށްފަހު، ކިއުތައް ހުސްވި މަރުކަޒުތަކުގައި މިހާރު ދަނީ ވަގުތީ ނަތީޖާ އިއުލާންކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި މައުލޫމާތަށް ބަލާއިރު، މި އިންތިހާބުގައި ބެހެއްޓި ޖުމްލަ 588 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް 512 ފޮށި ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ބައެއް ސަރަހައްދުތަކުގައި އަދިވެސް ވޯޓުލާން މީހުން ތިބުމުގެ ސަބަބުން 76 ފޮށްޓެއްގެ ވޯޓުލުން އަދިވެސް ދަނީ ކުރިއަށެވެ. އެ އޮފީހުން ބުނީ ވޯޓުލާން ކަނޑައެޅި ވަގުތު ހަމަވުމުން، ބަންދުކުރި ފޮށިތައް ގުނުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 62 ޕަސަންޓަށް ވުރެ މަތިވެފައިވާއިރު، ގިނަ ބަޔަކު ދަނީ ލިބެމުންދާ ވަގުތީ ނަތީޖާތަކަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ. ތިން ވޯޓެއް އެއްކޮށް ކުރިއަށްދިޔަ މި އިންތިހާބުގެ ހުރިހާ ފޮށިތަކެއް ގުނާ ނިމޭއިރު މިރޭ ދަންވަރުގެ ވަގުތުތަކަށް ދާނެ ކަމަށް ބެލެވެއެވެ. އިންތިހާބާ ގުޅޭ މަސައްކަތްތައް ކުރިއަށްދާތީ، މާދަމާއާއި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިން ނިންމަވާފައެވެ.