ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
އެކޮމިޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
“ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާ އިންތިޚާބަށްވާތީ އެ އިންތިޚާބަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މިހާރު މަސައްކަތްތައް ވަނީ ފަށާފައި. އެގޮތުން، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިޚާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުން ގެންދާއިރު ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުން ” ޒާހިދު ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބަށް ތައްޔާރުވަމުންދާއިރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށާއި އަދި އިންތިހާބާ ބެހޭ މަރުކަޒުގެ ގޮތުގައި އިމާރާތެއް ހޯދުމުގައި ދަތިތަކެއް އެބަހުރި ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.
ކޮމިޝަނުގެ ރައީސް ވިދާޅުވީ އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ނިންމާފައިވާ އިންތިޚާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއިފަސޭހަގޮތްތައް ހޯދުމުގެ މަސައްކަތްތައްވެސް މިހާރު ކުރައްވަމުންދާ ކަމަށެވެ.