މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރި އާ ސްކޭޓް ޕާކް އެރީނާ، ކުދިންގެ ހުނަރުތަކާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.
މި ސްކޭޓް ޕާކް ހުޅުވުމަށް އުސްފަސްގަނޑު ސަރަހައްދުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތަށް ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަޑައިގަތުމުން މަރުހަބާ ދެންނެވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
ޕާކް ހުޅުއްވައިދެއްވުމަށް ފަހު، ތަފާތު ތިން އުމުރުފުރައެއްގެ ކުދިން ވަނީ އެ ކުދިންގެ ސްކޭޓްކުރުމުގެ ފުރިހަމަ ހުނަރުތައް ރައީސްގެ ދެކަނބަލުންނަށް ދައްކާލާފަ އެވެ. އަދި މި ރަސްމިއްޔާތުގެ ތެރެއިން ރައީސްގެ ދެކަނބަލުން ވަނީ ހުނަރު ދައްކާލި ކުދިންނާ އެކު ގްރޫޕް ފޮޓޯއެއް ނަންގަވައި، އަލަށް ހުޅުވި ސްކޭޓް ޕާކްގެ ކަންކަން ހުރިގޮތް ބައްލަވާލައްވާފަ އެވެ.
މާލޭގައި ދާއިމީ ސްކޭޓިން އެރީނާއެއް ތަރައްގީކުރުމަކީ ކުޅިވަރާއި އިޖުތިމާއީ ގޮތުން ވެސް ޒުވާނުންނަށް ގިނަ މަންފާތަކެއް ލިބިގެންދާނެ ކަމެކެވެ. މިއީ ޒުވާނުންގެ ކުރިއެރުމަށާއި މުޅި މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދިޔަ ވަރަށް މުހިންމު މަޝްރޫއެއްކަން ފާހަގަކޮށްލެވެ އެވެ.