ހައްސާސް މައްސަލަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތު އާންމު ކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މީގެ ކުރިން ހިނގި ބައެއް ހާދިސާތަކުގައި ވިކްޓިމްގެ މައުލޫމާތު އާންމު ކުރެވުމުން އަމާޒުވި ފާޑުކިއުންތަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުރިން އެ މައުލޫމާތުތައް އާންމު ކުރަން ޖެހުނީ މަޖުބޫރު ހާލަތެއްގައެވެ. ސޯޝަލް މީޑިއާގައި އައި ޕްރެޝަރާއި، ތަހުގީގު ކުރާ ފަރާތްތަކަށް އަމާޒުވި އިލްޒާމުތަކުގެ ސަބަބުން އެކަން އެގޮތަށް ދިމާވީ ނަމަވެސް، އެއީ ޕްރޮފެޝަނަލް މިންގަނޑުތަކުން ބަލާއިރު ގޯސްކޮށް ކުރެވުނު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން އެ މައްސަލަތަކުގައި މަސައްކަތް ކުރި މުވައްޒަފުން މިހާރު ވެސް ބިރުވެރިކަމެއްގެ ތެރޭގައި ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ. ކޮންމެ މީހެއްގެ ވެސް ޒާތީ ހައްގުތަކެއް ވާ ކަމަށާއި، އެ ހައްގުތައް ހިމާޔަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި ކިތަންމެ ބޮޑު ޕްރެޝަރެއް އައިސްގެން ވެސް ވިކްޓިމްގެ އެއްވެސް މައުލޫމާތެއް އާންމު ނުކުރުމަށް އިދާރާތަކަށް ރައީސް ވަނީ އަންގަވާފައެވެ.