ބަދަހި ގައުމެއް ބިނާކުރެވޭނީ ތެލެސީމިއާ ބަލި ތަހައްމަލުކުރާ އާއިލާތަކަށް މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ދީގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސް ވިދާޅުވީ، މިއަދަކީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް މުޅި މުޖުތަމައަށް ހަނދާންކޮށްދޭ މުހިންމު ދުވަހެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ތެލެސީމިއާ ކުދިންނާއި އެ ކުދިން ނިސްބަތްވާ އާއިލާތަކަށް ބޭނުންވާ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަން ފަހިކޮށްދިނުމަކީ ސަރުކާރުން އަދާކުރާނެ މުހިންމު ޒިންމާއެއް ކަމަށެވެ. އެ އާއިލާތަކަށް އެހީތެރިވުމުގައި ސަރުކާރުން އަދާކުރާ މަސްއޫލިއްޔަތުތަކަށް ހާއްސަ އިސްކަމެއް ދޭނެކަން އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ ތެލެސީމިއާ ކުދިންނަށް ހާއްސަ މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، އޯގާތެރިކަމާއި ހެޔޮބަސްތަކަކީ ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާގެ ދެބައިކުޅަ އެއްބައި ކަމަށެވެ. އަދި އެ ކުދިންނަށް ބޭނުންވަނީ މުޖުތަމައުގެ ކުލުނާއި ލޯބިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ފަރުވާ ހޯދުމުގައި ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދިނުން ކަމުގައި ބުންޏެވެ. މި މަސައްކަތުގެ ދަށުން، އެ ކުދިންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ސަރުކާރުން ހާމަކުރެއެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަސް ކޮންމެ އަހަރެއްގެ މޭ މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާއިރު، މި ދުވަހުން ދަސްކޮށްދެނީ އެކަކު އަނެކަކަށް އަޅާލައި، އެހީތެރިވާ ބަދަހި މުޖުތަމައެއްގެ މުހިންމުކަމެވެ. ރައީސްގެ ދެކަނބަލުން ވަނީ ތެލެސީމިއާ ކުދިންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދި الله ގެ ހަޒުރަތުގައި ދުއާކުރައްވާފައެވެ.