English Edition
Dhivehi Edition
މަހުދީ

ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ގައުމީ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީގެ ވަކިވުމަކީ ދިވެހި ހުރިހާ ރައްޔިތަކަށްމެ ލިބުނު ފުން ހިތާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ހިތްވަރުގަދަ ޑައިވަރަކު ނިޔާވުމުގެ ހަބަރަކީ އެމަނިކުފާނަށާއި މުޅި ގައުމަށް ބޮޑު ހިތްދަތިކަމެއްނާއި ނުތަނަވަސްކަމެއް ގެނުވި ހަބަރެއް ކަމަށެވެ. އަދި މިއީ ކޮންމެ ދިވެހި ރައްޔިތެއްގެ ހިތަށްވެސް ފުން އަސަރުތަކެއް ކުރުވި ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވަނީ މަގާމުގެ ވާޖިބު އަދާކުރުމުގެ މަތީގައި ހުއްޓާ ކުއްލި ހާލަތެއް މެދުވެރިވެ ނިޔާވި މަރުހޫމް މުހައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަހުމަތާއި ސުވަރުގޭގެ ދާއިމީ ނިއުމަތް ލެހެއްޓެވުމަށް އެދި ދުއާކުރައްވާފައެވެ. އަދި މި ދަތި ދަނޑިވަޅުގައި މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވައި، އެ އާއިލާއަށާއި ގައުމީ ދިފާއީ ބާރަށް ރައީސް ވަނީ އިހުލާސްތެރި ތައުޒިޔާ ފޮނުއްވާފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި ހަތަރު ފަތުރުވެރިން ހޯދުމަށް ހިންގި ސާޗް އޮޕަރޭޝަނުގައި އުޅެނިކޮށް މަހުދީ ނިޔާވީ ޑީކޯވެގެން ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ.