ހިލޭ ބޭސްފަރުވާ ފޯރުކޮށްދޭ ސަރުކާރުގެ ސްކީމް އާސަންދަ ފުޅާކުރުމާ އެ ކުންފުނިން ދެކޮޅު ނޫންކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
އާސަންދަ ކުންފުނިން ބުނީ އެ ސްކީމުގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް މި ވަގުތު ބަލި މީހުން ފޮނުވަނީ ހަމައެކަނި އިންޑިއާ އަދި ސްރީލަންކާއަށް އެކަނި ކަމަށެވެ. މަވެސް ކުރިއަށް ހުރި ދުވަސްތަކުގައި ތައިލޭންޑާއި ޔޫއޭއީއަށް ވެސް ސްކީމުގެ ތެރެއިން ބަލި މީހުން ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އާސަންދައިން ވަނީ ބުނެފައެވެ.
މީގެއިތުރުން އެ ކުންފުނިން ބުނީ އިންޑިއާ އާއި ލަންކާ ނޫން އެހެން ގައުމަކަށް އާސަންދަ ސްކީމު ފުޅާކުރުމާ ދެކޮޅުކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވިކަމަށް ބުނެ ފަތުރާ ވާހަކައަކީ ހަގީގަތް އޮޅޭހެން ފަތުރާ ވާހަކައެއްކަމަށެވެ.
މި ގޮތުން އެ ވާހަކައަކީ މިދިޔަ މަހުގެ ތެރޭގައި މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ދެއްކެވި ވާހަކަައެއް ކަމަށެވެ، އަދި އޭރު ސަރުކާރުން އާސަންދަ ހިދުމަތް ފުޅާކުރުމަށް ނިންމާފައި ނުވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.