ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލްތަކަށް އިންތިހާބުކުރާ މަންދޫބުން، ރައްޔިތުން ބޭނުންވެއްޖެ ހާލަތެއްގައި މަގާމުން ވަކިކުރެވޭނެ “ރީ-ކޯލް ވޯޓެއް” ތައާރަފުކުރުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، މިވަގުތު މިކަން ކުރެވެން އޮތީ ހަމައެކަނި ސުޕްރީމް ކޯޓާ ހަމައިން ކަމަށްވީ ނަމަވެސް، ރައްޔިތުންގެ އަތުގައި މި ބާރު އޮތުމަކީ ޑިމޮކްރެޓިކް ހަމަތަކަށް ބަލާއިރު ރައްޔިތުން އެންމެ ބޮޑަށް ބާރުވެރިވާނެ ގޮތް ކަމަށެވެ.
މި ނިޒާމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރުވެސް އަމަލުކުރަމުންދާ ގޮތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެއަށް މިފަދަ ބަދަލެއް ގެނައުމަށްޓަކައި އެހެން ގައުމުތަކުގެ މިސާލުތަކަށް ބަލައިގެން މަޝްވަރާކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ވޯޓު ނަގަން ހުށަހެޅުމަށް ދާއިރާގެ ކިތައް ޕަސަންޓު ރައްޔިތުންގެ ސޮއި ބޭނުންވާނެ ކަމާއި، މެންބަރު ވަކިކުރުމަށް ބޭނުންވާ އަގުލަބިއްޔަތާއި، މަޖިލީހުގެ ހާޒިރީގެ ނިސްބަތް ހުންނަންޖެހޭ ގޮތް ފަދަ ތަފްސީލުތައް ހިމެނެއެވެ. އަދި މިފަދަ ވޯޓެއް ނެގޭނީ ކޮންކަހަލަ ހާލަތްތަކެއް މެދުވެރިވެގެންކަން ސާފުކޮށް އެނގެން އޮތުން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ހުރިހާ މަޝްވަރާތަކަކަށް ފަހު، މި މައްސަލަ މިހާރު ކުރިއަށްދާ މަޖިލީހުގެ ދައުރުގެ ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ބަދަލާއެކު ރައްޔިތުންގެ މަންދޫބުން ރައްޔިތުންނަށް ޖަވާބުދާރީވާ މިންވަރު އިތުރުވެ، ދާއިރާގެ ރައްޔިތުންގެ އަޑު އުފުލުމުގައި މެންބަރުން މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. މިއީ ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާކޮށް، ރައްޔިތުންގެ ބާރުވެރިކަން ކަށަވަރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.