ސުންނީ އަދި ޝީއީ މަޒުހަބީ ތައައްސުބްގެ ތެރެއަށް ދިވެހި މުޖުތަމައު ވެއްޓިގެން ދިއުމުގެ ފުރުސަތު ނުދެއްވުމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި ޝަހީމް ވިދާޅުވީ ދިވެހިންނަކީ ސުންނީ ޖަމާއަތުގެ ސައްހަ މަތިވެރި އަގީދާގެ މަތީގައި، ގުރުއާނާއި، ސުންނަތާއި ސަލަފުއްސާލިހުންގެ މަންހަޖުގައި އެތައް ގަރުނެއް ވަންދެން ސާބިތުކަމާއެކު ދެމިތިބި އަދި އިސްލާމްދީނުގެ ވަސަތީ އުސޫލުތަކުގައި ހިފަހައްޓައިގެން ތިބި ބައެއް ކަމަށެވެ. މިނިސްޓަރު ވަނީ އެ ޖަމާއަތުގެ މަތިވެރި އަގީދާގައި ރާއްޖެ ދެމި އޮންނާނެ ކަމަށާއި އަދި އެ އަސާސްތައް ދެމެހެއްޓުމަށް އާއްމުންނާއި އިލްމުވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މިނިސްޓަރު ޝަހީމް ވަނީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްކުމަށާއި އަދި ފިރުގާތަކުގެ އަގީދާތައް އޭގެ އިލްމީ ހަގީގަތްތަކާ ހިލާފަށް އާއްމުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފަތުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ.
ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމައު ބައިބައިކޮށްލަން ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވެ ތިބެން ޖެހޭކަން ފާހަގަކޮށް މިނިސްޓަރު ވަނީ ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ ވާހަކަ ނުދެއްކުމަށް އެދިވަޑައިގެންފައެވެ.