ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިން ފޮސްޓަރކުރާ އާއިލާތަކަށް ވިހެމުން ލިބޭ ފަދަ ޗުއްޓީއެއް ލިބޭނެ އިންތިޒާމް އަންނަ މަހު ހަމަޖެހިގެންދާނެކަމަށް ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާއިޝަތު ޝިހާމް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލާތަކާ ހަވާލުކުރުން ނުވަތަ ފޮސްޓާކުރުމުގެ މަރުހަލާ ކުރިން އޮތް ގޮތުން އެކަން ވަރަށް ދިގުލައިގެންދާތީ، އެކަމުގެ ޝައުގުހުރި އާއިލާތަކަށް އުނދަގޫތަކެއް ކުރިމަތިވާކަމަށެވެ. އެހެންކަމުން “ޓެމްޕަރަރީ ފޮސްޓަރިން”ގެ ނަމުގައި އެކަމުގައި ލުއިގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށް އާއިޝަތު ޝިހާމް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކުދިން ފޮސްޓަރކުރާ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތިކަން ހުރި އާއިލާތަކަށް ދައުލަތުގެ ތެރެއިން ކުއްޖަކަށް 5000 ރުފިޔާ މަހަކު ލިބޭގޮތަށް ހާއްސަ އެލަވަންސްއެއް ހަމަޖައްސާފައިވާ ކަމަށެވެ. ފޮސްޓަރކުރާ ކުދިންގެ ތެރޭގައި ވަރަށް ތުއްތުކުދިން އަދި ބައެއް ފަހަރު ހޮސްޕިޓަލްގެ ތެރެއިން ހަވާލުވާ ކުދިންކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެފަދަ ކުދިންނާ ހަވާލުވާ އާއިލާތަކަށް ވަޒީފާގައި އުޅެމުން ތުއްތުކުދިންނާއެކު ވަގުތު ހޭދަކުރުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
އެހެންކަމުން އެފަދަ އާއިލާތަކަށް ސިވިލް ސަރވިސްގެ ތެރެއިން ހާއްސަ ޗުއްޓީއެއް ލިބޭނެ އިންތިޒާމް އަންނަމަހު ހަމަަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރކުރާ މިންވަރު މިހާރު އިތުރުވަމުންދާކަމަށާއި، މިއީ އުފާ ކުރަންޖެހޭކަމެއް ކަމަށެވެ.