English Edition
Dhivehi Edition

އިއްޔެ އުމުރުން 6 އަހަރުގެ ކުއްޖަކު ނިޔާވީ، އެންސްޕާ އިން ފީޑިން ޓިއުބެއް ނުލިބި އަށް މަހެއްހާ ދުވަސް ހޭދަވުމަށްފަހުކަމަށް އާއިލާ އިން ބުނާ މައްސަލަ ހެލްތު މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކުން ބަލަން ފަށައިފިއެވެ.

އިއްޔެ މެންދުރެއްހާއިރު 6 އަހަރުގެ އިބްރާހިމް އަޒާން ސުހެއިލް ނިޔާވީ ހާލުދެރަވެ އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

އެ ކުއްޖާގެ މަންމަ، އާމިނަތު ޔަޝްފާ މި މަހުގެ 16 ވަނަ ދުވަހު ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނީ ދަރިފުޅަށް ކާން ދޭން ބޭނުންކުރާ ޕީއީޖީ ދެ ޓިއުބަށް އެދުނީ މިދިޔަ އޮގަސްޓް މަހު ކަމަށާއި އެ ނުލިބި ލަސްވެގެން އެތައް ފަހަރަކު އެސްޓީއޯ އަށް ގުޅި ކަމަށެވެ. އަދި ހުޅުމާލޭގައި ހުންނަ ފާމަސީއަށް ދިޔަކަމަށް ކުއްޖާގެ މަންމަ ވަނީ ބުނެފައެވެ.

ޓިއުބަށް އޯޑަރު ނުކޮށް ލަސްވަނީ އެންސްޕާއިން އެޕްރޫވް ނުކުރާތީ ކަމަށް، އެ ސްޓޭޓަސް ލިޔުނު ދުވަހު އެސްޓީއޯއިން އެންގި ނަމަވެސް ފޭސްބުކްގައި އެ ޕޯސްޓު ޖެހުމުގެ ކުރިން ވެސް ޓިއުބް ލިބުން ލަސްވާ ސަބަބު ހޯދަން އެތައް ފަހަރަކު މަސައްކަތްކުރިކަމަށް އެ ކުއްޖާގެ މަންމަ ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވަމުން އަންނައިރު އެސްޓީއޯ އިން ބުނީ އެ ހޮޅި ލިބުން ލަސްވި ކަމަށް ބުނާ މައްސަލަ އިންޓާނަލީ ބަލަމުން އަންނަކަމަށެވެ. މީގެ އިތުރުން މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ.