އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ 6 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު ފޮނިއެއްޗެއް ކަމަށްވާ “ ޗޮކްލެޓް ޕުޑިން” ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
2 މޭޒުމަތީ ސަމުސާ ކޯންފްލާ
3 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ
75ގ ހަކުރު
ކުޑަ ލޮނުކޮޅެއް
540ގ ފުލްކްރީމް މިލްކް
1 ބިސް
2 ބިހުގެ ރީންދޫބައި
140ގ ކުކިންގ ޗޮކްލެޓް ކޮށާފައި
1 ސައިސަމުސާ ވެނީލާ އެސެންސް
30ގ ބަޓަރ
ތައްޔާރު ކުރާނެގޮތް:
ކޯންފްލަރ، ކޮކޯޕައުޑަރ،ހަކުރު އަދި ލޮނު ތައްޓަކަށް އަޅާފައި އެއްކޮށްލާށެވެ. ދެން 100އެމްއެލް ކިރު، ހަކުރު އަޅާފައި އެއްކޮށްލުމަށްފަހު ބިސް އަދި ބިހުގެ ރީނދޫބައި އަޅާފައި އެއްކޮށްލާށެވެ. އެއަށްފަހު ބާކީ ކިރުފޮދު ތެއްޔަކަށް އަޅައި ކެކުނީމަ ކުރިން ގިރާފައި ހުރި ބިސް އެއްކޮށްފައި އަދި މިކްސް ކޮށްފައި ހުރި( ހިކި) ބަޔާއި އެއްކޮށް އަޅާފައި ރަނގަޅަށް އޮލަވަންދެން ކައްކާލާށެވެ. އެއަށްފަހު އުނދުން ނިއްވާލާފައި ޗޮކްލެޓް، ބަޓަރ އަދި ވެނީލާ އެސެންސް އަޅައި އެއްކޮށްލުމަށްފަހު ޓްރޭއަކަށް ނޫނީ ބޭނުން ވައްތަރެެއްގެ ތައްޓަކަށް އަޅާފައި 2 ގަޑި އިރުވަންދެން ފްރިޖުގައި ބަހައްޓާށެވެ. ފިނިވީމަ މައަޗަށް ޗޮކްލެޓް އަޅާފައި އަނެއްކާ ފްރިޖަށްލާފައި ސެޓް ވުމުން ސާރވް ކުރާށެވެ.