މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އެކަމުގެ އަސަރު ރައްޔިތުންނަށް ކުޑަކުރުމަށްޓަކައި އެސްޓީއޯއަށް ލިބޭ ފައިދާއިން ތެލުގެ އަގު ސަބްސިޑައިޒް ކުރަން ސަރުކާރުން ނިންމައިފިއެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ތެލުގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށްޓަކައި ސަރުކާރުން ގެންގުޅޭ ދެވަނަ ވިސްނުމަކީ އެސްޓީއޯއަށް ލިބޭ ފައިދާގެ ބައެއް އެކަމަށް ހޭދަކުރުން ކަމަށެވެ. މިއީ ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހި އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެކުލަވާލާފައިވާ ހާއްސަ ޕްލޭނެއްގެ ބައެކެވެ.
މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް މިވަގުތު އެއްވެސް ދަތިކަމެއް ނެތި ލިބެން އެބަހުއްޓެވެ. އެސްޓީއޯގެ ބޯޓެއްގައި ބާވީސް ހާސް މެޓްރިކް ޓަނުގެ ތެޔޮ ރައްކާކޮށްފައިވާއިރު، އިތުރު ދެ ބޯޓެއް ތެޔޮ ހިފައިގެން ރާއްޖެ އައުމުގެ މަރުހަލާގައި އެބައޮތެވެ. އޭގެ ތެރެއިން އެއް ބޯޓު ކުރިއަށް އޮތް ހަތަރު ފަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެއެވެ. ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ނުވަދިހަ ނުވަތަ ސަތޭކަ ޑޮލަރަށް އުފުލުނު ނަމަވެސް، ރާއްޖޭގައި އެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމެވެ.
ހަނގުރާމައިގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަށްވެސް ސަރުކާރުން ވަނީ ސަމާލުކަން ދީފައެވެ. މެދުއިރުމަތީގެ ގައުމުތަކުގައި ޓްރާންސިޓްވެފައި ރާއްޖެއަށް އަންނަ ޓޫރިސްޓުން ގިނަވުމަކީ އާމްދަނީއަށް އަސަރުކޮށްފާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، ހަނގުރާމައިގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ދަނީ މަސްރަހު ގާތުން ބަލައި، ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.