English Edition
Dhivehi Edition
ސާޖިދާ

ކޮންމެ އަންހެނަކަށްވެސް ކަރާމާތާއި އިންސާފު ކަށަވަރުކޮށްދޭން މުޅި މުޖުތަމައުން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ ބައިނަލްއިންޓަނޭޝަނަލް އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައެވެ.

މެޑަމް ސާޖިދާގެ މެސެޖުގައި ވަނީ ދިވެހި އަންހެނުން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ ދިވެހި އާއިލާތައް ތަރުބިއްޔަތުކޮށް، މުޖުތަމައުތަކަށް މަގުދައްކައިދެމުންދާ ހިތްވަރުގަދަ އަދި ހިކުމަތްތެރި ކަނބަލުންގެ އަގު ވަޒަންކުރަންޖެހޭ ކަމަށެވެ. އަދި ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކަށްވެސް ހަމަހަމަ ފުރުސަތާއި އިންސާފު ލިބިގެންދާނެކަން ކަށަވަރުކޮށްދިނުމަކީ މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަކި ޖިންސަކަށްވީތީ ތަފާތުކޮށް ހައްގުތަކާއި ފުރުސަތުތައް ހަނިކުރުމުގެ ބަދަލުގައި، ދެ ޖިންސަށްވެސް އިހްތިރާމް ލިބޭ ފަދަ މުޖުތަމައެއް ބިނާކުރުމަކީ އެންމެންގެ އަމާޒަކަށް ވާންޖެހޭނެ ކަމަށްވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ. ކޮންމެ އަހަރެއްގެ މާޗު މަހުގެ 8 ވަނަ ދުވަހަކީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަށް ވާއިރު، މި ދުވަހުގެ ތަހުނިޔާ އެކަމަނާ ވަނީ ރާއްޖޭގެ ހުރިހާ ކަނބަލުންނަށް ފޮނުއްވާފައެވެ.