އައްޑޫސިޓީގެ މީދޫ ޝަމްސުއްދީން ސްކޫލަށް، ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ޚާއްޞަ އެހީގެ ދަށުން ބޭންޑް ސާމާނު ހަދިޔާކުރައްވައިފިއެވެ.
މިދިޔަ އަހަރު މެޑަމް ފާތުން އައްޑޫސިޓީ އަށް ކުރެއްވެވި ދަތުރުފުޅުގައި މީދޫއަށް ވަޑައިގެންނެވުމުން ޝަމްސުއްދީން ސްކޫލްގެ ދަރިވަރުންވަނީ މެޑަމް އާއި ބައްދަލުކޮށް ސްކޫލުގެ ބޭންޑް ސާމާނު ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އާ ސާމާނުތަކެއް ސްކޫލަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ދަންނަވާފައެވެ. އަދި މެޑަމް ފާތުން ވަނީ އެކަމަށް އެހީތެރިކަން ފޯރުކޮށް ދެއްވަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ޝަމްސުއްދީން ސްކޫލުގެ ޕްރިންސިޕަލް ސުލްތާން ރާމިޒް ވިދާޅުވީ މެޑަމް ފާތުންގެ ފަރާތްޕުޅުން ސްކޫލުގެ ބޭންޑަށް ލިބިގެން ދިޔަ އެހީތެރިކަމަށްޓަކައި ސްކޫލްގެ މެނޭޖްމަންޓާއި އަދި ދަރިވަރުންނާއި މުދައްރިސުން ވަރަށް ބޮޑަށް އެކަމަނާއަށް ޝުކުރު އަދާކުރައްވަވާ ކަމަށެވެ.
“މި ސްކޫލުގައި ކުރިން ވެސް ބޭންޑް ގެ ހަރަކާތްތައް ކުރިއަށް ގެންދޭ. ކޮންމެވެސް ވަރަކަށް ސާމާނުވެސް އެބަހުރި. އެކަމަކު ވަރަށް ބޮޑަށް ހަލާކުވެފައި ހުރީ. މެޑަމް އައްޑޫ އަށް ކުރެއްވެވި ދަތުރުފުޅުގައި ސްކޫލުގެ ސީނިއަރ ދަރިވަރުން ކޮޅެއް އަމިއްލަ އަށް އިސްނަގައިގެން މެޑަމް އަށް މިވާހަކަ ދެންނެވީ. ބޭންޑް ސާމާނު ގަނެވޭވަރަށް ފައިސާގެ ވައުޗަރ އެއް މެޑަމް ދެއްވެވީ.” ސުލްތާން ވިދާޅުވިއެވެ.
ޕްރައިމަރީ ގްރޭޑާ ހަމައަށް ކިޔަވައިދެމުން އަންނަ ޝަމްސުއްދީން ސްކޫލުގައި 2018 ވަނަ އަހަރު ސެކަންޑްރީ ތައުލީމަށް ކިޔަވައިދޭން ފެށުމަށް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖެއްސެވުމުން އެސްކޫލުގެ ބެލެނިވެރިން ވަނީ އެކަން އެގޮތަށް ވުން ބޭނުން ނޫންކަމަށް ވެސް މެޑަމްގެ ދަތުރުފުޅުގައި ދަންނަވާފައެވެ.
އަދި ޝަމްސުއްދީން ސްކޫލަކީ ޖާގައިގެ ދަތިކަން ހުރި ސްކޫލަކަށް ވެފައި ސެކަންޑަރީ ތައުލީމު ފެށުމަށް ބޭނުންވާ އެއްވެސް ވަސީލަތެއް ނެތް ތަނަކަށް ވާއިރު އެސްކޫލުގައި ގްރޭޑް 8 އުފެއްދުމަކީ ދަރިވަރުންނަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށް ބެލެނިވެރިން ވަނީ ދަންނަވާފައެވެ. އަދި ރަށުގައި އެފަދަ ވަސީލަތްތައް ހުރި ސްކޫލެއް ހުރި އިރު މީގެ ކުރިންވެސް ގްރޭޑް 7 ނިންމާ ދަރިވަރުންނަށް ސ.އަތޮޅު މަދުރަސާގައި ސެކަންޑްރީ ތައުލީމު އުނގެނޭނެ ފުރުސަތު ހޯއްދަވައި ދެއްވުމަށް އެދި ބެލެނިވެރިން ދެންނެވި ދެންނެވުމަށް މެޑަމް ފާތުން ވަނީ އެކަންތައް ތައް ބެލެނިވެރިން އެދިލައްވަވާ ގޮތަށް ކޮށްދެއްވުމަށް މަސައްކަތް ކުރައްވަވާނެ ކަމަށް އެދަތުރުފުޅުގައި ވިދާޅުވެފައެވެ. އަދި 2018 ވަނަ އަހަރުގެ ކިޔެވުން ފެށުނު އިރު ދަރިވަރުންގެ ކިޔެވުން ވަނީ ބެލެނިވެރިން އެދޭގޮތަށް ހަމަޖައްސަވައި ދެއްވަވާފައެވެ.