English Edition
Dhivehi Edition

ޝަމްސުއްނިސާ ނުވަތަ ޝަމްސު އަކީ އައްޑޫމީދޫގެ ރައްޔިތުންނަށް އާ ނަމަކަށް ނުވާނެއެވެ. ރަށުގެ އިޖުތިމާޢީ ޙަރަކާތްތަކުން ފެށިގެން ތަޢުލީމާއި ރަށުގެ ކުރިއެރުމަށް ކުރެވޭ ކޮންމެ ކަމެއްގައި ހިތާއި ރޫޙުން އެކަމެއްގައި އިސްކޮށް ފެންނަ ޒުވާން އެއް މޫނަކަށް ޝަމްސު ވެގެން ދާނެއެވެ.

އައްޑޫ މީދޫއަށް އުފަން، އެ ރަށުގައި ބޮޑުވި ޝަމްސު ކުރާ ކޮންމެ ކަމަކުން ވެސް ފެނިގެން ދަނީ ފުރިހަމަ އިޚުލާޞްތެރިކަމާއި ލޯތްބެވެ. ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް އެކަމަކާއި ގަޔާވެގެން ވީ އެންމެ ރަނގަޅަކަށް އެކަމެއް ކުރެވޭތޯ މަސައްކަތް ކުރާ ނަމޫނާ ކަނބަލެކެވެ. ރަށުގައި ނަގާކިޔާ ކޮންމެ ދާއިރާއަކުން ބެލިކަމުގައި ވިޔަސް ޝަމްސުގެ ޚިދުމަތް ނުފެންނަ ދާއިރާއެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކިޔަވައިދިނުމާއި، ނޫސްވެރިކަމާއި، ކުޅިވަރުގެ އިތުރުން އިޖުތިމާޢީ މަސައްކަތްތަކުގައި އޭނާއަކީ ފާހަގަކޮށްލެވޭ ޚިދުމަތްތެރިއެކެވެ. މިއީ ރަށުގެ ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރާ ޙަގީގަތެކެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ކިޔަވައިދިނުމުގައި ޝަމްސުވަނީ މާލޭގައި 6 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކޮށްފައެވެ. އަމީރު އަޙްމަދު ޕްރީސްކޫލްގެ ސެން ޓީޗަރަކަށް އުޅުމަށްފަހު ފަހުން އަމިއްލަ ރަށަށް ބަދަލުވެ މީދޫގެ ސްކޫލްތަކުގައިވެސް ކުޑަކުދިންނަށް އުނގަންނައިދިނުމުގައި މުހިންމު ދައުރެއް ޝަމްސުވަނީ އަދާކޮށްފައެވެ. އެއީ ކުދިން ނުހަނު ލޯބިވާ ހީވާގި މުދައްރިސެކެވެ.

އޭގެ ފަހުން ޝަމްސު ފެނިގެން ދިޔައީ އޭއޯ ނިއުސް އިން ކޮވިޑްގެ ލޮކްޑައުންގައި މީހުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ކުރު ވީޑިއޯ ތަކުންނެވެ. އަމިއްލަ އިސް ނެގުމާއެކު ޕްރޮގްރާމު ޕްރޮޑިއުސް ކޮށް އަމިއްލަ އަށް އެ ޕްރޮގްރާމްތަކުގައި އިސް ރޯލެއް އަދާކޮށް ކޮވިޑްގެ ބަލިމަޑުކަމުން ރައްޔިތުން ސަލާމަތް ކުރުމަށް ހޭލުންތެރި ކުރުމުގެ އެކި ޕްރޮގްރާމުތައް ޝަމްސުވަނީ ކުރިއަށް ގެންގޮސްފައެވެ. ކުރިން މާލޭގައި ދިރިއުޅުނު އިރު ޕީއެސްއެމްގައި ދުވަސްކޮޅަކަށް ކުރެވުނު މަސައްކަތާއި އެކު ދާއިރާގައި ލިބިފައިހުރި ތަޖުރިބާ އާއި އެކު އޭއޯގެ ނިއުސް ޓީމާއެކު އަމިއްލަ ރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ކަވަރޭޖް ހެދުމާއި އެކިއެކި ޕްރޮގްރާމު ޕްރެޒެންޓު ކުރުމުގެ މަސައްކަތް ވެސް ޝަމްސު ވަނީ ކޮށްފައެވެ. އެދާއިރާއިން ވެސް ޝަމްސު ފާހަގަ ކުރެވުނީ ހުނަރުވެރި އަދި ޖެހިލުން ކުޑަކަމާއެކު ކުރަން ޖެހުނު ކޮންމެ ކަމެއް ފުރިހަމަ އަށް ނިންމުމަށް މަސައްކަތް ކުރާ ކާމިޔާބު ނޫސްވެރިއެއްގެ ގޮތުގައެވެ.

މާލެއިން ރަށަށް ބަދަލުވެ ފެނަކަ ހުޅުމީދޫ ބްރާންޗުގެ ސީނިއާ އޮފިސަރެއްގެ މަގާމުގައި 6 އަހަރު ޝަމްސު ވަނީ މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން މީދޫގެ ހަރަކާތްތެރި އެއް ޖަމިއްޔާ ކަމުގައިވާ “މުލިމަތި ޖަމްޢިއްޔާ” ގެ ރައީސް ކަން ވެސް ޝަމްސު ވަނީ ކޮށްފައެވެ. މީދޫގެ އިޖުތިމާއީ ކޮންމެ ހަރަކާތެއްގައި ފޯރިއާއި އެކު ބައިވެރިވެ ރަށަށް ކުރިއެރުން ހޯދައި ދިނުމުގެ މަސައްކަތް ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ޝަމްސު އަކީ ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން ހިންގަމުން އަންނަ ސަރަހައްދީ ޖަމިއްޔާއެއް ކަމުގައިވާ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ މީދޫ ޗެޕްޓާރ ގެ ފޯކަލް ޕޮއިންޓެވެ.

ތަފާތު އެކި ދާއިރާތަކުން ރަށުގެ އެންމެ ޙަރަކާތްތެރި އެއް ޒުވާނެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޝަމްސު އަކީ މީދޫގައި ބާއްވާ އެކި ހަފުލާތަކާއި އިވެންޓްތައް ހުށަހަޅައިދިނުމުގައި އެންމެ ކުރީގައި އުޅޭ އެއް ފަރާތެވެ. ގިނަ ހަފްލާ ތަކާއި އިވެންޓުތަކަށް އެންމެ ފޯރިގަދަކޮށް ދިރުން އަންނަނީ އެ ޙަފްލާއެއް ހުށަހަޅައި ދިނުމުގައި ޝަމްސުގެ އަތަށް މައިކު ދިނުމުންނެވެ.

މި ހުރިހާ ކަމަކާއި އެކު މީދޫ ގައި އަލަށް ހޭންޑްބޯލް ތަޢާރަފް ކޮށް އަދި ހޭންޑްބޯޅަ ކްލަބެއް އުފައްދައި، 55 އަށްވުރެ ގިނަ ޒުވާން ކުޅުންތެރިން މިހާރުވެސް ތަމްރީނު ކުރަމުން އަންނަ ޝަމްސު އަކީ ޒުވާނުންނަށް ނަމޫނާ ފުރިހަމަ ޝަޚުސިއްޔަތެކެވެ. އަމިއްލަ ރަށާއި ރައްޔިތުންދެކެ އިންތިހާއަށް ލޯބިވާ ޝަމްސުއަކީ މީދޫގެ އިޖުތިމާޢީ ވިންދޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ. އެތަކެއް ދާއިރާ އަކުން ހުނަރުވެރި ކަމާއި ފުރިހަމަ ކަމާއެކު މަސައްކަތް ކުރަމުން އަންނައިރު ޝަމްސު އަކީ އިސްނަގައިގެން މަސައްކަތްކުރާ، އުނގަންނައިދޭ، އަދި އެހެންމީހުންނަށް ހިތްވަރުދޭ ނަމޫނާ ކަނބަލެކެވެ.

މިހުރިހާ މަސައްކަތަކަށްފަހު ރަށަށް މިހާރު ޝަމްސު އަންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ވާދަކުރަމުންނެވެ. ދުޢާ އަކީ މިފަދަ ހުނަރުވެރި ގިނަ ޒުވާނުންތަކެއް އުފެދިގެން އަމިއްލަ ރަށަށް ޚިދުމަތް ކުރާތަން ފެނުމެވެ.. ޝަމްސު އަށް އިތުރު ކާމިޔާބީއަށް އެދެމެވެ!