English Edition
Dhivehi Edition

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 1.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ފާއިތުވި 4 އަހަރު ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު ހާމަކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން އާއްމުކުރި ފާއިތުވި ހަތަރު އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 1،310،160 ރުފިޔާ ލިބިފައިވާއިރު ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނީ 1,092,547 ރުފިޔާއެވެ. އަދި، 1442ވަނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދިހަ ދުވަހުގައި 977,301 ރުފިޔާ ޒަކާތުގެ ގޮތުގައި ލިބުނުއިރު, 1441ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 1,533,844 ރުފިޔާއެވެ.

މިނިސްޓްރީން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު އޭޕްރީލް މަހުގެ 18 ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނަމުން ގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00އާ ހަމައަށެވެ.

މި އަހަރުގެ ފިތުރު ޒަކާތުގެ ދައްކަންޖެހޭ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުމުގެ މިންވަރެވެ. އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާ އިންނެވެ.

ޒަކާތް ބަލައިގަތުން އޮންލައިންކޮށް ވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، އުރީދޫގެ އެމްފައިސާ، އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ، އަދި ފިނޭންސް މިނިސްތްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.