ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި އިސްލާމީ ވަހުދަތު ދެމެހެއްޓޭނެހެން ކަންކަން އިންތިޒާމުކުރެއްވުމަށް މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވަރަމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު އުމަރު އިލްތިމާސްކުރައްވައިފިއެވެ.
‘އެކްސް’ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގަމަކަށް ވާއިރު، ބަރަކާތްތެރި ރަމަޟާން މަހު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދިނުމުގައި، ރާއްޖޭގައި އޮންނަ އިސްލާމީ ރިވެތި އާދަކާދަތަކާއި، ދީނީ އެއްބައިވަންތަކަމާއި އަދި އިސްލާމްދީނަށް ދިވެހިންކުރާ އިޙުތިރާމާއި، ޤަދަރާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ބާރު ލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރެއްވުމަށް އެންމެހާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
މި ގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދެއްވާއިރު އާންމުންނަށް ނުފެންނާނެ ފަދަ އިންތިޒާމެއްގެ ދަށުން އެ ޚިދުމަތް ދެއްވުމާއި، މަގުތަކާއި، އާންމު ތަންތަނުގައި، ރަމަޟާން މަހުގެ ޙުރުމަތް ނުކެނޑޭގޮތަކަށް، ފަތުރުވެރިންގެ ޢަމަލުތައް ބެހެއްޓުމަށް ބާރު އަޅުއްވައި ދެއްވައި، އަދި ރަމަޟާން މަހު މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންގެ ޢަމަލުތައް ބަހައްޓަންޖެހޭނެ ގޮތުގެ މަޢުލޫމާތު ފަތުރުވެރިންނަށް ހިއްސާކޮށްދެއްވުމަށް މިނިސްޓަރ އެދިލައްވާފައި ވެއެވެ.