އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް ފުރަތަމަ ފަހަރަށް އުމްރާ ދަތުރުތައް މިއަދު ފަށައިފިއެވެ.
މިއީ ރާއްޖޭގެ ތާރީޚުގައިވެސް އަތޮޅުތެރޭގެ އެއާޕޯޓަކުން ސީދާ ސައުދީއަށް އުމްރާވެރިން ގޮވައިގެން ފްލައިޓެއް ބޭއްވި ފުރަތަމަ ފަހަރެވެ. ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެއަރބަސް އޭ330 (A330) ވައިޑް-ބޮޑީ މަތިންދާބޯޓުގައި ކުރިއަށްގެންދިޔަ މި ތާރީޚީ ދަތުރަކީ އުމްރާ ގްރޫޕެއް ކަމަށްވާ “ދަ ޓްރެވެލާ” އާއި މޯލްޑިވިއަން ގުޅިގެން ކުރިއަށްގެންދިޔަ ދަތުރެކެވެ.
މިއަދު ފުރި ފުރަތަމަ ފްލައިޓުން ކުޑަކުދިން ހިމެނޭހެން ޖުމްލަ 260 އުމްރާވެރިން ވަނީ ސައުދީގެ ޖިއްދާއަށް ފުރާފައެވެ. މި ދަތުރާ ގުޅޭގޮތުން މޯލްޑިވިއަނުން ބުނީ، މިއީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށާއި، މިއީ ހަމައެކަނި ފެށުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ސީދާ ދަތުރުތައް ބޭއްވުމަށް ރާވަމުންދާ ކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.
ދެކުނުގެ ހަތަރު އަތޮޅު ގުޅާލުމަށް މޯލްޑިވިއަނުން ވަނީ “ސައުތު ކަނެކްޓިވިޓީ ނެޓްވޯކް” ގެ ނަމުގައި ހާއްސަ ވިއުގައެއް ގާއިމުކޮށް، ޝެޑިއުލް ދަތުރުތައް ފަށާފައެވެ. މީގެ ސަބަބުން ދެކުނުގެ އެހެން ރަށްރަށުން އުމްރާއަށްދާ ފަރާތްތަކަށްވެސް މާލެ ނުގޮސް، ފަސޭހަކަމާއެކު އައްޑޫއަށް ގޮސް އެތަނުން ސީދާ ސައުދީއަށް ފުރޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.