ފަލަކީ ހިސާބު ދައްކާގޮތުން މާދަމާއަކީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކުރީގެ ރައީސް އަދި ފަލަކީ ޢިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގިނަ ބަޔަކު ހަނދާ ގުޅޭގޮތުން ރައީސް މައުމޫންގެ ބަހެއް ލިބޭނެކަމުގެ އިންތިޒާރުގައި ތިއްބާ، މިއަދު މެންދުރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ ފަަލަކީ ހިސާބުތައް ދައްކާގޮތުން މާދަމާ (ބުދަ) ދުވަހަކީ 1447ގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. މިއާއެކު، ރައީސް މައުމޫން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންނަށް ރަމަޟާން މަހުގެ މަރުހަބާ ފޮނުއްވާފައި އެވެ.
މައުމޫން ވަނީ ރޯދަ މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހުރިހާ މުސްލިމުންނަށް އަރިސް ކުރައްވައިފައެވެ.
އިތުބާރު ހުރި ފަލަކީ ހިސާބަށް ބަލާއިރު، ޝައުބާން މަހުގެ 29 ވަނަ ދުވަހު އިރުއޮއްސުމަށް ފަހު ހަނދު ފެންމަތީގައި ނުހުންނާނެ ކަމަށް ދައްކާ ނަމަވެސް ޝައުބާން މަހުގެ 30 ދުވަސް ފުރިހަމަ ކުރާނެއެވެ.
ރާއްޖޭގައި ފަލަކީ އިލުމް ހާސިލް ކުރައްވައިގެން ތިއްބެވި މަދު ބޭފުޅުންގެ ތެރެއިން ރައީސް މައުމޫން އަކީ އެކަމަށް ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށް ގިނަ ދިވެހިން ގަބޫލުކުރެ އެވެ. އެހެންކަމުން އަބަދުވެސް ރޯދައަށް އަދި އީދަށް ހަނދުބެލުމުގައި ގިނަ ބަޔަކު ރައީސް މައުމޫންގެ ބަސްފުޅަކަށް އިންތިޒާރު ކުރެ އެވެ.
ރަސްމީކޮށް ހަނދުބެލުމުގެ ރަސްމިއްޔާތު މިރޭ އިސްލާމިކް މިނިޓްރީން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. ރޯދައާ ގުޅޭގޮތުން ގޮތް ނިންމާނީ ހަނދުބެލުމުގެ ރަސްމިއްޔާތައްފަހު އެ މަޖިލީހުން ނިންމާގޮތް އިއުލާން ކުރުމާއެކު އެވެ.