ކުރިއަށް އޮތް ލޯކްލަ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޕީއެންސީއަށް ޖުމްލަ 69 ގޮނޑި ވަނީ ކާމިޔާބުކުރެވިއްޖެއެވެ.
އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިހާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާ، ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިއުލާނުކުރުމުގެ ކުރިން ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، މި ކޮމިޓީއަށް އިންތިހާބަކާ ނުލާ ހޮވުނު ކެންޑިޑޭޓުންގެ ނަންތައް މިއަދު ވަނީ އާންމުކޮށްފައެވެ.
އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 28 ގޮނޑި، އިންތިހާބާ ނުލާ ޕީއެންސީއަށް ކާމިޔާބުވިއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަދި އަދާލަތުން ވަނީ ކޮންމެ ޕާޓީއަކުން ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި 2 ކެންޑިޑޭޓުން ވެސް ވަނީ އިންތިހާބަކާ ނުލާ ހޮވިފައެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 41 ގޮނޑި ޕީއެންސީއަށް ލިބުނު އިރު އިދިކޮޅު އެމްޑީޕީއަށް އަންހެނުންގެ ކޮމެޓީގެ 5 ގޮނޑި ވަނީ ލިބިފައެވެ. އަދި އަދާލަތު ޕާޓީއަށް އެއް ގޮނޑި ލިބުނު އިރު އަމިއްލަ ގޮތުން ވާދަކުރި ދެ ކެންޑިޑޭޓަކަށް އިންތިހާބަކާ ނުލައި ގޮނޑިތައް ވަނީ ކާމިޔާބުވެފައެވެ.