English Edition
Dhivehi Edition
އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް

އިންގްލެންޑްގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު، ތޯމަސް ޓުކެލް، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު ވެސް މަގާމުގައި ދެމިހުރުމަށްޓަކައި އޭނާގެ އެއްބަސްވުން އާކޮށްފިއެވެ.

މި އާ އެއްބަސްވުމުގެ ދަށުން، 52 އަހަރުގެ ޓުޗެލް އާއި އޭނާގެ ކޯޗިންގް ސްޓާފުން 2028 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ނިޔަލަށް ޓީމާ އެކު ތިބޭނެއެވެ. 2028 ގެ ޔޫރޯ އަކީ އިންގްލެންޑާއި، ސްކޮޓްލެންޑް، ވޭލްސް އަދި ރިޕަބްލިކް އޮފް އަޔަލެންޑް ގުޅިގެން ބާއްވާ މުބާރާތެކެވެ.

ކޮންޓްރެކްޓް އާކުރުމަށްފަހު ވާހަކަދައްކަމުން ޓުކެލް ބުނީ، އިންގްލެންޑާ އެކު ހޭދަކުރާ ވަގުތު އިތުރުވުމުން ވަރަށް އުފާވާ ކަމަށާއި އެކަމާ ފަޚުރުވެރިވާ ކަމަށެވެ.

“ކުޅުންތެރިންނާއި ކޯޗުންނާ އެކު މަސައްކަތް ކުރުމުގައި ހޭދަވާ ކޮންމެ މިނެޓަކީ އަހަރެން ވަރަށް ލޯބިކުރާ ވަގުތުތަކެއް. ވޯލްޑް ކަޕަށް ޓީމު ގޮވައިގެން ދިއުމަށް މިހުރީ ކެތްމަދުވެފައި. މިއީ ލިބުނު ވަރަށް ބޮޑު ފުރުސަތެއް، އަދި ގައުމު ފަޚުރުވެރިވާނެ ފަދަ ނަތީޖާއެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،” ޓުޗެލް ބުންޏެވެ.

ޖަރުމަނަށް އުފަން ޓުޗެލް އިންގްލެންޑްގެ ކޯޗުކަމާ ހަވާލުވީ 1 ޖެނުއަރީ 2025 ގައެވެ. އޭނާގެ އިރުޝާދުގެ ދަށުން އިންގްލެންޑުން ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އަލްބޭނިއާ، ލެޓްވިއާ، އެންޑޯރާ އަދި ވޭލްސް ބަލިކޮށްފައެވެ. ނަމަވެސް ސެނެގޯލްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން 3-1 އިން ބަލިވުމުން އޭނާގެ މެދުނުކެނޑި މޮޅުވަމުން އައި ސިލްސިލާއަށް ނިމުމެއް އައެވެ. އެހެންނަމަވެސް، އިންގްލެންޑުން ވަނީ ކޮލިފައިންގެ ހުރިހާ މެޗެއް ކާމިޔާބުކޮށް، ބައިކޮޅަށް ލަނޑެއް ވަނަނުދީ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޔޫރަޕްގެ ޓީމުގެ ޝަރަފު ހޯދާފައެވެ.

އެފްއޭގެ ސީއީއޯ މާކް ބުލިންގްހަމް ވިދާޅުވީ، 2028 ގެ ޔޫރޯއާ ހަމައަށް ޓުޗެލް މަޑުކުރަން ނިންމުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ.

“އޭނާއަކީ ވޯލްޑް ކަޕް ކެމްޕޭނަށް އަހަރެމެންނާ ގުޅުނުއިރު ވެސް މި މަގާމަށް އެންމެ އެކަށީގެންވާ މީހާ. ކޮލިފައިން މެޗުތަކުގައި އޭނާ ވަނީ އެކަން ސާބިތުކޮށްދީފައި. ކުޅުންތެރިންގެ ފުރިހަމަ ތާއީދު އޭނާއަށް އެބައޮތް،” ބުލިންގްހަމް އިތުރަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް ވޯލްޑް ކަޕްގައި އިންގްލެންޑް ހިމެނެނީ ގްރޫޕް ‘އެލް’ ގައެވެ. މި ގްރޫޕްގައި އިންގްލެންޑް ބައްދަލުކުރާނީ ކްރޮއޭޝިއާ، ގާނާ އަދި ޕެނަމާއާއެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޑަލަސް، ބޮސްޓަން އަދި ނިއު ޔޯކް ނިއު ޖާޒީގައެވެ.