English Edition
Dhivehi Edition

ހިތަދޫ މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ބްރިގޭޑިއަ ޖެނެރަލް އިބްރާހީމް ދީދީގެ މައްޗަށްކުރާ ޓެރަރިޒަމްގެ ޝަރީއަތުގެ އަޑު އެހުމެއް ކްރިމިނަލް ކޯޓްގައި މިއަދު ހެނދުނު އޮންނާނެއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި އިބްރާހީމް ދީދީގެ މައްޗަށްކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑު އެހުން ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 10:00 އަށެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި އިބްރާހީމް ދީދީގެ މައްޗަށް ކުރާ ދައުވާ ކޯޓަށް ފޮނުވާފައިވަނީ މިދިޔަ 2017 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ކުރިން ވެސް އެ ދައުވާ އުފުލާފައިވެއެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގޮސްފައިވަނިކޮށް މައްސަލަ އަނބުރާ ގެންދިޔައީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ކުރީގެ ކާނަލް މުހައްމަދު ޒިޔާދާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ މައްޗަށް ކުރި ދައުވާ ކާމިޔާބު ނުވުމުންނެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި އިރު އިބްރާހީމް ދީދީ ހުންނެވީ މާލޭ އޭރިއާގެ ކޮމާންޑަރަކަށެވެ.

އިބްރާހީމް ދީދީ ވަނީ ކުރިން އެ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އެ މައްސަލަ އަނބުރާ ގެންދިޔައީ ބަލި ހާލަތު ހުރި ގޮތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމާ ގުޅިގެން އިތުރަށް ކުރިއަށް ނުގެންދެވިފައި އޮއްވައެވެ.