އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އެކުލަވާލި އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދުކުރެއްވި ނަމަވެސް، އެ ވާހަކަފުޅުގައި ފޮރުވިފައިވާ އެހެން މާނައެއް އޮވެދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށް ސަރުކާރުން އާ ސިޔާސަތުތަކެއް ކަނޑައަޅައި، ޗާގޯސް މައްސަލައިގައި އިނގިރޭސިންނާ ވާހަކަ ދެއްކުމަށް ރަސްމީކޮށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕްގެ ބަސްމަގު: އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާއާ ފޯނުން ގުޅުއްވުމަށްފަހު ޓްރަމްޕް ވިދާޅުވީ، ޗާގޯސް މޮރިޝަސްއަށް ދޫކޮށްލަން ހެދި ޑީލުގެ ސަބަބުން ފޯޅަވަހި (ޑިއެގޯ ގާސިއާ) ގައި އޮތް އެމެރިކާގެ އަސްކަރީ ބާރުވެރިކަން ކަށަވަރުވެފައިވާ ކަމަށެވެ.
ނަޝީދުގެ ތަހުލީލު: މިކަމާ ގުޅިގެން ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ:
ޓްރަމްޕް އެއްބަސްވުމަށް ތާއީދު ކުރެއްވީ ޗާގޯސް މޮރިޝަސްއަށް ދިނުމަށް ނޫން ކަމަށް ވެދާނެއެވެ.
ރާއްޖެއިން މިހާރު ނިންމާފައިވާ ވަރުގަދަ ނިންމުންތަކާއެކު (އިބޫ ސޯލިހުގެ ސިޓީ އަނބުރާ ގެނައުމާއި، 200 މޭލު ކަނޑައެޅުން)، އެމެރިކާ އާއި އިނގިރޭސިންނަށް “ދިވެހިރާއްޖޭގެ ދައުވާ ބަލަންޖެހޭ” ކަމަށް ބުނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، ޗާގޯސް މޮރިޝަސްއަށް ދެވެން ނެތް ކަމަށް އެ ގައުމުތަކުން ބުނުމަކީ އެކަށީގެންވާ ކަމެކެވެ.
ކޯސްޓްގާޑުގެ ހަރަކާތްތައް: ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުން ހަރުދަނާކޮށް، ރޭގެ ވަގުތެއްގައި ދިވެހި އަސްކަރިއްޔާއިން ވަނީ އެ ސަރަހައްދުން ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފައެވެ. ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި މިކަން މިގޮތަށް ހިނގާފައިވަނީވެސް އެމެރިކާ އަދި އިނގިރޭސިވިލާތުގެ ރުހުމާ އެކު ކަމަށް ވުމަކީ ގާތް ކަމެކެވެ.