English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫ / ފޮޓޯ: އީމާން

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި، 3 އަހަރު ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީއަކީ ހާއްސަ ލުއިތަކަކާއެކު އިންވެސްޓް ކުރެވޭނެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރުކޮށް ކުރިއަރުވާ ތަރައްގީކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް ގިނަ ލުއިތަކާއެކު ކުދި އަދި މެދު ފަންތީގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލަން ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ހުޅުވާލާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ ހިމެނޭހެން އައްޑު އަތޮޅަކީ ޖެނުއަރީ 1، 2027 އިން ފެށިގެން 3 އަހަރު ދުވަހަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓުކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނޭ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާކަން އެމަނިކުފާނު އިއުލާންކުރެއްވިއެވެ.

މިކަން ތަންފީޒުކުރުމަށްޓަކައި ގާނޫނީ، އިދާރީ އަދި ފަންނީ ގޮތުން މަގުފަހިކޮށްދޭންޖެހޭ ކަންކަން މިއަހަރު ތެރޭގައި ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ސަބަބުން، ކުދި އަދި މެދު ފަންތީގެ ސިނާޢަތް ބޮޑަށް ފުޅާވެ ކުރިއަރާ، އެތައް ވަޒީފާއެއް އުފެދި، އައްޑު އަތޮޅަށް، އަދި މުޅި ދިވެހި ރާއްޖެއަށް، އިގްތިސާދީގޮތުން ގިނަގުނަ ފައިދާ ތައް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ފުރުސަތުގެ ބޭނުންކޮށް އައްޑު އަތޮޅަކީ ދިވެހި ރާއްޖޭގެ އައިޓީހަބް ގެ ގޮތުގައި ހެދުމަށް، އެކަމަށް ޝައުޤުވެރިކަން ހުރި އެންމެހާ ފަރާތްތަކަށް، އެމަނިކުފާނު ވަނީ ދައުވަތު ދެއްވާފައެވެ.

މިއަހަރަކީ ރާއްޖޭގެ “އުފެއްދުންތެރިކަމުގެ އަހަރު” ގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ރައީސް ވިދާޅުވީ އަމާޒަކީ، ދިވެހި ކޮންމެ ރައްޔިތަކީ އަމިއްލަ މަސައްކަތުން ނަތީޖާ ނެރޭ، ގައުމުގެ ކުރިއެރުމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތަކަށް ހެދުން ކަމަށާއި އަދި، 2040 ވަނަ އަހަރާ ހަމަޔަށް ދާއިރު، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމަކަށް ހެދުންކަމުގައެވެ.