English Edition
Dhivehi Edition

ރާއްޖޭގައި އިތުރު ދެ ޓާޝަރީ ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް ނިމި އަންނަ އަހަރު ފެބްރުއަރީމަހު ޚިދުމަތްދެވެން ފެށޭނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި އަންނަ އަހަރު ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ޚިދުމަތް ފެށިގެންދާނެ ދެ ހޮސްޕިޓަލަކީ ރ.އުގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ. ސަރުކާރުގެ އަމާޒުތަކުގެ ތެރެއިން އެއް އަމާޒަކީ ރާއްޖޭގައި ޓާޝަރީ ހޮސްޕިޓަލްތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަމަށް އަހުމަދު ނަސީމް ވިދާޅުވިއެވެ.

ޕީއެސްއެމްއިން ގެނެސްދޭ “ދައުލަތުގެ ބަޖެޓް 2021” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ މިހާރު މަސައްކަތް ކުރިޔަށް ދާގޮތުން އަންނަ ފެބްރުއަރީ މަހާއި ހަމައަށް މިދެހޮސްޕިޓަލުގެ އަމަލީ މަސައްކަތް ނިމި ޓާޝަރީ ފެންވަރުގައި ޚިދުމަތް ދެވޭވަރުވާނެ ކަމަށާއި މިވަގުތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ނަމަވެސް މަސައްކަތް ނިމޭ ހިސާބުން މިދެހޮސްޕިޓަލް މިނިސްޓްރީގެ ދަށުން ކެނޑި ވަކި ބޯޑެއްގެ ދަށަށް ބަދަލުވެގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އައްޑޫ ހޮސްޕިޓަލްތައްވެސް މިހާރު ހިންގަމުން އެދަނީ ވަކިބޯޑެއްގެ ދަށުން ކަމަށް މިނިސްޓަރު ފާހަގަކޮށްލިއެވެ.

“ހެލްތު މިނިސްޓްރީ އަކީ ހަގީގަތުގައި ރެގިއުލޭޓް ކުރާ ފަރާތެއް. މިހާރުގެ އަމާޒަކީ ބޮޑެތި ޓަރޝިއަރީ ހޮސްޕިޓަލްތައް ހިންގުން ހޮސްޕިޓަލް ބޯޑާއި ހަވާލުކުރުން. މިހާރު އައްޑޫ ސިޓީ ހޮސްޕިޓަލް އެހިންގަނީ އެހޮސްޕިޓަލްގެ ބޯޑުން. އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ ކުޅުދުއްފުއްޓާއި އުނގޫފާރުގެ މަސައްކަތްތައްވެސް ނިމި މިހެން ހިންގަން ފެށޭނެކަމަށް.” ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވިއެވެ.

މިސަރުކާރުގެ އަމާޒަކީ ރާއްޖޭގެ 15 ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކޮށް ރާއްޖެތެރޭގެ މީހުން ބޭސް ފަރުވާއަށް މާލެ ނުގޮސް އެރަށަކުން އެޚިދުމަތްތައް ރައްޔިތުންނަށް ލިބިގެން ދިޔުމެވެ. ރާއްޖޭގެ ސިއްޚީ ނިޒާމު ހަރުދަނާކޮށް ކޮންމެ ސަރަހައްދަކު އަތޮޅު ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް އިން ޓާޝަރީ ފެންވަރުގައި ޚިދުމަތް ދެވޭނެއެވެ.