އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 7،000 އޮފިޝަލުން ހޯދުމަށް އީސީން އިއުލާންކުރީ ނިމިދިޔަ ނޮވެމްބަރު މަހުއެވެ. މިކަމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
މިކަމާ ގުޅިގެން ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މައުލޫމާތު ދެއްވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، މުއްދަތު ހަމަވިއިރު އެދަދަށް އޮފިޝަލުން ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އުއްމީދަކީ އިންތިހާބުގެ ކަންކަން ފުރިހަމަވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވި ގޮތުގައި އިންތިހާބަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފައެވެ. އަދި ކުރިއަށް އޮތީ ރޯދަ މަސް ކަމަށް ވުމުން، ދުވަސްތަކެއް ގެއްލޭނެތީ އިންތިހާބުގެ މަސައްކަތްތައް ދުރާލާ ފަށައިފައިވާކަން އީސީން ފާހަގަކުރެއެވެ.
މީގެއިތުރުން އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށްޓަކައި އެ މީހުންނަށް ދިނުމަށް ހާއްސަ އަތްމަތީ ފޮތެއް ތައްޔާރުކޮށް މިހާރު ނިމިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.