ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކުރުމާއި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އީސީން ބުނީ އޭޕްރިލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންހާބު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖަނަވަރީ 7 ވަނަ ދުވަހުން ފެށިގެން ޖަނަވަރީ 18 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ހަމައަށް ހުޅުވާލާކަމަށެވެ.
މި ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އަދި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް/ސިޓީއެއްގެ ކައުންސިލް އިދާރާގައި އާންމުކޮށްފައިވާއިރު އީސީން ބުނީ (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެންވެސް ޗެކްކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން އީސީން ބުނީ މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށްް ކަމަށެވެ. މި މުއްދަތުގައި ރަޖިސްޓަރީ ސައްހަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ
މީގެ އިތުރުން އީސީން ބުނީ ރަޖިސްޓަރީއަށް މީހަކު އިތުރުކުރުން ނުވަތަ ރަޖިސްޓަރީން މީހަކު އުނިކުރުން ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.