ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ‘މައި ޕޯޓަލް‘ ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބުގައި ވާދަކުރަން އެދޭ ފަރާތްތަކުގެ މައުލޫމާތު ފުރިހަމަކޮށް ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު ފައިސާ ދެއްކުމަށްޓަކައި އިދާރީގޮތުން މައި ޕޯޓަލް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މިހާރު ޕޯޓަލް ހުޅުވާލި ނަމަވެސް، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅޭނީ އިންތިހާބަށް ރަސްމީކޮށް އިއުލާނުކުރުމުން ކަމަށް އީސީން ވަނީ ބުނެފައެވެ.
އީސީން ބުނީ ދުރާލާ ޕޯޓަލް ހުޅުވުމުގެ ބޭނުމަކީ، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދީ އިންތިހާބަށް ރަސްމީކޮށް އިއުލާނުކުރުމާއެކު ފޯމު ހުށަހެޅޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން އީސީން ވަނީ އިންތިހާބަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް، މައި ޕޯޓަލް އަށް ލޮގިންވުމަށްފަހު ޕޯޓަލްގައި ކެންޑިޑޭޓުގެ މައުލޫމާތާ، އަޕްލޯޑުކުރަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު، އިންތިހާބަށް ދައްކަންޖެހޭ އިދާރީ ފައިސާ ދެއްކުމަށް އެދިފައެވެ.
މިފަހަރު އެދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުން ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 50 މީހުންގެ ތާއިދުވެސް ހޯދަންވާނީ މައި ޕޯޓަލް މެދުވެރިކޮށްކަމަށް އީސީން ވަނީ ބުނެފައެވެ. އިތުރަށް އީސީން ބުނީ ޑިސެމްބަރު 1، 2025 ގެ ފަހުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ސާފުކޮށްފައިވާ ކުށާ ދަރަނީގެ ރިކޯޑު މައި ޕޯޓަލްއަށް އަޕްލޯޑުކުރަންވާނެ ކަމަށެވެ