English Edition
Dhivehi Edition
ކ. ގުރައިދޫ ދާއިރާގެ ވޯޓުލުމުގެ ތެރެއިން- ފޮޓޯ: އީސީ
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ. އެ ކޮމިޝަނުން ވަނީ ރިޕޯޓު އާންމުކުރުމާއެކު އެކަމާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ. ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އާންމުކޮށްފައިވާ ވަގުތީ ރިޕޯޓުގައިވާ ގޮތުން މި ފަހަރުގެ އިންތިހާބުގައި ދެ އިންތިހާބު އެއްކޮށް ޖުމުލަ 1362 ގޮނޑިއަށް މެންބަރުން ހޮވާނެއެވެ. އޭގެ ތެރޭގައި ރަށު ކައުންސިލްތަކަށް 629 މެންބަރުންނާއި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން ހިމެނެއެވެ. ގާނޫނީ ގޮތުން ގެނައި ބަދަލުތަކާ އެކު، އާބާދީ 2000 މީހުންނަށްވުރެ ދަށް ރަށްރަށުގައި ތިން ކައުންސިލަރުން އަދި އާބާދީ އެއަށްވުރެ ބޮޑުނަމަ ފަސް ކައުންސިލަރުން ތިބޭނެއެވެ. އަދި އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫއަށް މި ފަހަރު ވަކި ކައުންސިލްތަކެއް އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ޝަކުވާ ބަލައިގަތުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. ހުކުރު ދުވަހު ޝަކުވާ ބަލައިގަންނާނީ މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ. ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަނުގެ އިދާރާއަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.