އިންތިހާބާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާ ނަމަ، އެ ދާއިރާއަކުން ވޯޓު ލުމުގެ ހައްގު ލިބިފައިވާ 50 މީހުންގެ ތާއީދު ބޭނުންވެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި ސޮއިތައް ހޯދުމާއި، ތާއީދު އޮތްކަން ކަށަވަރު ކުރުމުގެ ކަންކަން ވެސް މި ފަހަރު ކުރިއަށް ގެންދަން ޖެހޭނީ މި ޕޯޓަލްގެ ތެރެއިންނެވެ.
އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން، މިއަދުން ފެށިގެން އެ މީހެއްގެ އަމިއްލަ “އީފާސް” ބޭނުންކޮށްގެން ޕޯޓަލްއަށް ލޮގިން ވެވޭނެއެވެ. އަދި ކެންޑިޑެންސީއާ ގުޅޭ މައުލޫމާތާއި ލިޔެކިޔުންތައް މިހާރުއްސުރެ އަޕްލޯޑު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އިދާރީ ފީ ދެއްކުމުގެ ކަންކަން ވެސް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ކެންޑިޑޭޓުން ހުށަހަޅަން ޖެހޭ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމުތަކާ މެދު ހާއްސަ ސަމާލުކަމެއް ދިނުމަށް ކޮމިޝަނުން އެދެއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ސާފުކޮށްފައިވާ ރެކޯޑުތަކަކީ 2025 ޑިސެމްބަރު އެކެއްގެ ފަހުން ސާފުކޮށްފައިވާ ރެކޯޑުތަކަށް ވާންޖެހޭނެ ކަމަށް އީސީން މައުލޫމާތު ދެއެވެ.
މި ވަގުތު ލިޔެކިޔުންތައް ޕޯޓަލްއަށް އެޅުނު ނަމަވެސް، ރަސްމީކޮށް ކެންޑިޑެންސީ ފޯމު ހުށަހެޅޭނީ އިންތިހާބަށް ކުރިމަތިލުމަށް ކޮމިޝަނުން އިއުލާނު ކުރުމުންނެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 1414 އަށް ގުޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.