ހާޝީޒް ފޭދޫ ސޮކަކަޕް 2018 ގައި ބައިވެރިވި 6 ޓީމުގެ ތެރެއިން މަރަދޫފޭދޫ އެފްސީ ވަނީ މުބާރާތުގެ ސެމީފައިނަލުގައި ކުޅެފައެވެ.
މި މުބާރާތުގައި އެޓީމް އެންމެ ފުރަތަމަ ބައްދަލުކުރީ ވާދަވެރި މަރަދޫ އެފްސީއާއެވެ. މަރަދޫ މޮޅުވާން ދަނިކޮށް މަރަދޫފޭދޫ އެފްސީ ވަނީ ފަހަތުން އަރައި ދެ ލަނޑުޖަހައި ނަތީޖާ އެއްވަރު ކޮށްފައެވެ. އެ މެޗު ނިމިފައިވަނީ 2-2 ލަނޑުން އެއްވަރު ވެގެންނެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް ފްރެންޑްސްއާއެވެ. އެމެޗުން މަރަދޫފޭދޫ އެފްސީ ބަލިވީ 3-1 ލަނޑުންނެވެ. ތިންވަނަ މެޗުންވެސް އެޓީމާ ބައްދަލުކޮށް ހަމަ އެނަތީޖާއިން މަރަދޫފޭދޫ އެފްސީ ބަލިވިއެވެ. ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ވާދަވެރި މަރަދޫ އެފްސީއާއެވެ. އެ މެޗު 1-0 އިން މަރަދޫފޭދޫ އެފްސީވަނީ މޮޅުވެފައެވެ. ސެމީގައި ހިތަދޫ ނެކްސަސްއާ ބައްދަލުކޮށް އެ ޓީމްބަލިވީ 2-1 ލަނޑުންނެވެ.
ސެމީން ބަލިވުމުންވެސް އެޓީމްގެ ރޫހު މަރެއްނުވެއެވެ. އެ ސެމީގެ މެޗުން ބަލިވުމުން ކޯޗު ނަޖާހު ބުނީ އެމެޗުގައި މަރަދޫފޭދޫ އެފްސީ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. “މިއަދު (ސެމީ ކުޅުނުދުވަހު) ބަލިވިޔަސް ކުޅުމާމެދު ހިތްހަމަޖެހޭ. މަރަދޫފޭދޫގެ ތާރީޚު މިއަދުވަނީ ބަދަލުވެފައި. ދިގު ތާރީޚަކަށްފަހު މަރަދޫ އަތުން ވަނީ މޮޅުވެފައި. އަދި ސެމީ ފައިނަލް ކުޅެފި. މި މުބާރާތުގައި މެޗަކަށްފަހު މެޗެއް ރަނގަޅުވަމުން އައިތަން މި ޒުވާންޓީމުން ފެނުނު. ސަޕޯޓަރުންގެ އިތުބާރު ޓީމަށް މިހާރުވަނީ ލިބިފައި،” ނަޖާހު ބުންޏެވެ.
އޭނާ ބުނީ މަރަދޫފޭދޫ އެފްސީ މި މުބާރާތަށް ނުކުތީ މުބާރާތުގެ މައިގަނޑު އެއްމަގުސަދު ކަމަށްވާ އައްޑޫގައި ޒުވާން ކުޅުންތެރިންނަށް ފުޓުބޯޅަ ކުޅުމުގެ ފުރުސަތުދީ އެކުދިން ތަރައްގީ ކުރުން ކަމަށެވެ. އެ މަގުސަދުގައި މަރަދޫފޭދޫން ނެރުނީ ވަރަށް ޒުވާންޓީމެއް ކަމަށްވެސް އޭނާ ބުންޏެވެ. ސްކޫލުގެ ގްރޭޑް 9 ގައި ކިޔަވާ 4 ކުޅުންތެރިން އެޓީމުގައި ކުޅުނުކަމަށްވެސް އޭނާ ބުންޏެވެ. ޒުވާން ޓީމަކުން ސެމީގައި ކުޅުމަކީ ވަރަށްބޮޑު ކުރިއެރުމެއް ކަމަށްވެސް އޭނާ ބުންޏެވެ. އަދި މަރަދޫފޭދޫ ގައިވެސް ޓީމެއް އެބައޮތްކަން އައްޑޫސިޓީއަށްވެސް މިހާރު އެނގިގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.
ނަޖާހު ބުނީ މަރަދޫފޭދޫ ޓީމު މިމުބާރާތުގައި ރަނގަޅަށްކުޅެ ނެރުނުނަތީޖާއާމެދު ކޯޗެއްގެ ހައިސިއްޔަތުން ފަޚުރުވެރިވާ ކަމަށެވެ. “މުބާރާތުގެ ސެމީފައިނަލާ ހަމައަށް ކުޅިވަރުގެ ރޫހާއެއްގޮތަށް ކުޅެ ދެއްކި ހިތްވަށްޓަކައި ޓީމުގެ ކޯޗެއްގެ ހައިސިއްޔަތުން އަޅުގަނޑު ފަޚުވެރިވަން،” ނަޖާހު ބުންޏެވެ. އެ ކަމަށް މަރަދޫފޭދޫ މީހުންވެސް ފަޚުވެރިވާ ކަމަށް އޭނާ ބުންޏެވެ. މުސްތަގުބަލުގައިވެސް އެޓީމް ވަރުގަދަކޮށް ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.