English Edition
Dhivehi Edition

ދި ފޭދޫ ސްޕޯޓްސް އާއި ފޭދޫ ޒުވާނުން ގުޅިގެން ސ. ފޭދޫގައި މިހާރު ކުރިއަށް ގެންދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގެ ފޯރިގަދަ ފައިނަލްމެޗު މާދަމާ އޮންނާނެއެވެ.

ފައިނަލުގައި ބައްދަލުކުރާނީ މި މުބާރާތުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކޮށްފައިވާ ފޭދޫ ޔުނައިޓެޑް ފްރެންޑްސްއާއި، އެއްމެޗުން ބަލިވެ، އެއްމެޗު އެއްވަރުކޮށް އަނެއް ދެމެޗުން މޮޅުވެފައިވާ ހިތަދޫ ނެކްސަސްއެވެ. ޔުނައިޓެޑް ފްރެންޑްސް ފައިނަލަށް އައީ ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ނެކްސަސް ފައިނަލަށް އައީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މާދަމާގެ މެޗަށް ނުކުންނައިރު ޔުނައިޓެޑް ފްރެންޑްސްއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުބާރާތުގެ ފައިނަލާ ހަމައަށް އައިއިރު އެއްވެސް ޓީމެއް އަތުން ބަލިވެފައި ނުވުމެވެ.

ޔުނައިޓެޑް ފްރެންޑްސްގެ ކޯޗު އިބްރާހީމް ނިޒާރު ބުނީ ހުރިހާ ވިސްނުމެއްވެސްހުރީ މާދަމާގެ މެޗުން މޮޅުވާން ކަމަށެވެ. ނެކްސަސް ޓީމުގައި ނަން މަޝްހޫރު ކުޅުންތެރިން ތިއްބަސް އެއްވެސް ވަރަކަށް އެޓީމްދެކެ ޖެހިލުންނުވާ ކަމަށްވެސް އޭނާ ބުންޏެވެ.
“ނެކްސަސްއަކީ މޮޅުކުޅުންތެރިންތިބި މޮޅު ޓީމެއް، އެހެންނަމަވެސް އެއްވެސް ވަރަކަށް ޖެހިލުމެއްނުވޭ އެޓީމްދެކެ. އިރާދަ ކުރެއްވިއްޔާ މާދަމާގެ މެޗުން މޮޅުވާނެ،” ނިޒާރު ބުންޏެވެ.

އޭނާ ބުނީ މާދަމާގެ މެޗަށް ނުކުންނައިރު އެ ޓީމުގައި އަނިޔާގެ މައްސަލަ ވަރަށްބޮޑު ކަމަށެވެ. އަނިޔާގެ ސަބަބުން އެޓީމުގެ ކެޕްޓަން އަދި ތަޖުރިބާކާރު ކުޅުންތެރިއާ އަހުމަދު ސައީދު (އައްމަޓީ) އަށްވެސް ނުކުޅެވޭނެ ކަމަށް އޭނާ ބުންޏެވެ. އައްމަޓީއަށް ނުކުޅެވުނަސް މާދަމާގެ މެޗުގައި ނެކްސަސްއާ ދެކޮޅަށް ރަނގަޅަށްކުޅެ ތަށި އުފުލާލުމަކީ މުޅިޓީމުގެ އަޒުމެވެ. މާދަމާގެ މެޗުވެސް ފަށާނީ ހަވީރު 4:00 ގައި ފޭދޫ ފުޓުބޯޅަ ދަނޑުގައެވެ.

މި މުބާރާތުގެ މައި ސްޕޮންސަރަކީ ހެޕީ މާކެޓެވެ. މީޑިއާ ޕާޓްނަރަކީ އެއޯނިއުސް އެވެ.