English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި މިއަދު ނިމިގެންދިޔަ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ގެ އެންމެ މޮޅުކުޅުންތެރިއާގެ މަގާމް މުބާރާތުގެ ޗެމްޕިއަންޓީމް ޔުނައިޓެޑް ފްރެންޑްސްގެ ޖާޒީ ނަމްބަރު 9 އަލީ ލިރުޣާމް ހޯދައިފިއެވެ.

މިމުބާރާތުގައި އޭނާވަނީ ޓީމަށްފައިދާހުރި މޮޅު ކުޅުމެއްކުޅެ 4 ލަނޑުވެސް ޖަހައިދީފައެވެ. މުބާރާތުގެ އެންމެ މޮޅުކުޅުންތެރިއާ ލިރުޣާމަށް ޓްރޮފީއާއި، ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރީއާގެ ކޮމާންޑަރ ކާނަލް އަބްދުﷲ އިބްރާހީމެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޔުނައިޓެޑް ފްރެންޑްސްގެ ކޯޗު އިބްރާހީމް ނިޒާރެވެ. އޭނާއަށްވެސް ޓްރޮފީއާއި، ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކާނަލް އަބްދުﷲ އިބްރާހީމެވެ.

މުބާރާތުގެ 20 އަހަރުން ދަށުގެ އެންމެމޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ނެކްސަސް ޓީމުގެ ޖާޒީ ނަމްބަރު 7 ހަސަން ރާއިފް އަހުމަދެވެ. އެންމެމޮޅު ފޯވާޑަކަށްވެސް ހޮވިފައިވަނީ އޭނާއެވެ. އަދި އެންމެގިނަ ގޯލްޖެހި ދެ ކުޅުންތެރިންގެ ތެރޭގައިވެސް އޭނާވަނީ ހިމެނިފައެވެ. ރާއިފާއި، ޔުނައިޓެޑް ފްރެންޑްސްގެ ޖާޒީ ނަމްބަރު 22 އަހުމަދު އަތީފް، މިއިން ކޮންމެ ކުޅުންތެރިއަކުވަނީ 5 ލަނޑު ޖަހައިފައެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީވެސް ޔުނައިޓެޑް ފްރެންޑްސްއެވެ. އެޓީމަށް ޓްރޮފީއާއި ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ހެޕީމާކެޓުގެ އައްޑޫ މެނޭޖަރު އަހުމަދު އަމީމެވެ. މުބާރާތުގެ ރަނަރއަޕް ޓީމުގެ މަގާމްހޯދީ ނެކްސަސްއެވެ. އެ ޓީމަށް ޝީލްޑާއި، ސެޓްފިކެޓާއި، ރިހިމެޑެއްޔާއި، ތިރީސް ހާސްރުފިޔާގެ ސާމްޕަލް ޗެކް ހަވާލުކޮށް ދެއްވީ އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފެވެ. ޗެމްޕިއަން ޓީމް ޔުނައިޓެޑް ފްރެންޑްސްއަށް ތައްޓާއި، ސެޓްފިކެޓާއި، ޝީލްޑާއި، ރަންޑެއްޔާއި، ހަތްދިހަ ފަސްހާސް ރުފިޔާގެ ސާމްޕަލް ޗެކް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓްރ އަހުމަދު ޝަރީފް އާދަމެވެ. މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ފްރެންޑްސްއިން ހޯދީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 100 ޕަސެންޓްގެ ރެކޯޑަކާއެކުގައެވެ.

އެންމެމޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ ނެކްސަސްގެ ޖާޒީ ނަމްބަރު 1 މުހައްމަދު ޝަފީއުއެވެ. އެންމެމޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 4 މުހައްމަދު ސާޖިދެވެ. އެންމެމޮޅު މިޑްފީލްޑަރަކަށް ހޮވިފައިވަނީ ޔުނައިޓެޑް ފްރެންޑްސްގެ ޖާޒީ ނަމްބަރު 9 އަލީ ލިރުޣާމެވެ. ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ މެޖެންޓާގެ ޖާޒީ ނަމްބަރު 5 ހަސަން ވިޝާލް އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. މީޑިއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ. އަންނަ އަހަރުވެސް މި މުބާރާތް ބޭއްވުމަށް ވިސްނަމުންދާ ކަމަށް މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ރައީސް އަލީ ހަނީޒް ބުންޏެވެ.