މޯލްޑިވްސް 2.0 އަކީ ތަރައްގީގެ ޕްލޭންގައި ވަރަށް މާނަފުން، ވަރަށް ބޮޑު އިންގިލާބީ ބަދަލެއް އަޅުގަނޑުމެންގެ ހިންގުމުގެ ނިޒާމަށާއި ދުވަހުގެ ދިރިއުޅުމަށް ގެނުވާނެކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅޭ ރައްޔިތުންނާއެކު، ރެހެންދި ސްކޫލު ހޯލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، މިރޮނގުން ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ހެދި، އެއަށް ޤާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ބިލެއް ޑްރާފްޓް ކުރެވި، މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ހާމަކުރެއްވިއެވެ. އަދި 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެ ތަރައްގީ ކުރުމަށް 20 އަހަރު ދުވަހުގެ މާސްޓަރޕްލޭނެއް ހަދައި، ޖީ.ޑީ.ޕީ އާއި އަދި އެހެން ހުރިހާ ގޮތަކުންވެސް އެޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ތަފްސީލްތައް ރައީސް ވަނީ ވިދާޅުވެދެއްވާފައެވެ.
ރާއްޖޭގެ އިގުތިސޯދު ވެއްޓިފައި އޮތް އަނދަވަޅުން ނަގައި ކޮޅަށް ޖެހުމަށްޓަކައި މަސައްކަތް ކުރަމުން، ސަރުކާރުން ދަނީ ޑިފޯލްޓް ނުވެ، ފައިސާ ޗާޕުނުކޮށް، ރާއްޖޭގެ އެތެރެއާއި ބޭރުގެ ދަރަނިތައް އަދާކުރަމުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިކަންކަމާއި އެކުއެކީގައި ތަރައްޤީގެ މަސައްކަތްތައް ތާވަލުކުރެވިގެން، ކުރީގެ އެއްވެސް ސަރުކާރަކުން ހައުސިންގ މަޝްރޫޢުތައް ނުފަށާހާ އަވަހަށް އެ މަސައްކަތްތައް ފަށައި، ރާއްޖޭގެ އެކި ރަށްރަށުގައި އެކިއެކި މަޝްރޫޢުތައް ހިންގުމަށް ސޮއިކުރެވި، އެ މަޝްރޫޢުތައް ހިނގަމުންދާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި މަސް ނިމޭއިރު މާލޭ ސަރަހައްދުގައިވެސް މަޝްރޫޢުތަކެއް ފެށުމަށްޓަކައި ތައްޔާރުވަމުންދާކަމުގައި ރައީސް ވިދާޅުވިއެވެ.