English Edition
Dhivehi Edition
އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން ޝިއުނާއާއި މަންދީ ---- ފޮޓޯ/ އެމްޑީޕީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކި މައްސަލައިގައި ފެމިލީ ކޯޓުން ކުރި ހުކުމް، އެމްޑީޕީގެ އޭރުގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި އެ ޕާޓީގެ އެކްޓިވސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ހުށަހެޅުއްވި މި މައްސަލައިގައި ފެމިލީ ކޯޓުން ނިންމާފައިވަނީ މަންދީ ކުރި އަމަލަކީ ކުއްޖާގެ ކަރާމާތަށް އަރައިގަތުން ކަމަށާއި، އެކަމުގައި ފައްޔާޒް ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. މި މައްސަލަ ހައިކޯޓަށް ބަލައިގަތުމާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

މި މައްސަލައިގެ އަސްލަކީ މިދިޔަ މާޗު މަހު އެމްޑީޕީން ބޭއްވި އެއްވުމެއްގައި، ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ބުނެ މަންދީ ދެއްކެވި ވާހަކަތަކެވެ. ފެމިލީ ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ މަންދީގެ މި ވާހަކަތަކުގެ ސަބަބުން ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ކުޑަކުދިންނަށް ލިބިދޭ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށެވެ. އަދި އެއްވުމުގައި ދެއްކި ވާހަކަތައް ހުއްޓުވުމުގެ ބަދަލުގައި އެކަމަށް ފައްޔާޒް ހިތްވަރު ދެއްވާފައިވާކަން ސާބިތުވާތީ، ޕާޓީ ހިންގަވާ ފަރާތުގެ ހައިސިއްޔަތުން ފައްޔާޒު އެކަމަށް ޒިންމާވާންޖެހޭނެ ކަމަށްވެސް ކޯޓުގެ ނިންމުމުގައިވެއެވެ.

މި މައްސަލައިގައި ރައީސްގެ އާއިލާގެ ފަރާތްޕުޅުން ވަކާލާތު ކުރެއްވި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތްކަމަށް ކޯޓުން ކަނޑައެޅި ނަމަވެސް، ފައިސާގެ ބަދަލު ހޯއްދެވުމަށް ދައުވާ ނުކުރައްވާނެ ކަމަށެވެ. އާޒިމާ ފާހަގަކުރެއްވި ގޮތުގައި މި ދައުވާ ކުރުމުގެ މައިގަނޑު ބޭނުމަކީ ސިޔާސީ ގޮތުން ކުރާ ފުރައްސާރައާއި، ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުން ހުއްޓުވައި، ދަރިކަލުންގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ.

ޓެގު