ސަރުކާރުން މަސްވެރިންގެ އަތުން މަސް ގަންނަ އެންމެ ދަށް އަގަކީ 16 ރުފިޔާ ކަމުގައި ހަމަޖައްސައިފިއެވެ.
މިގޮތަށް ހަމަޖެއްސީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ހަދައިދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފައި ވަނިކޮށެވެ. މި ބަދަލު ގެނައިކަން އިއުލާނު ކުރެއްވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒެވެ.
މިފްކޯއިން ބުނީ ދެން މަސް ގަންނާނީ އިންޓަނޭޝަނަލް މާކެޓުގައި އަގު ހުރި މިންވަރަށް ބެލުމަށް ފަހު ކަމަށާއި، ނަމަވެސް އަގު ކިތަންމެ ދަށަށް ދިޔަ ނަމަވެސް 16 ރުފިޔާއަށް ވުރެ ދަށުން މަސް ނުގަންނާނެ ކަމަށެވެ.މީގެ ކުރިން ސަރުކާރުން ނިންމާފައި އޮތީ ބާޒާރުގެ އަގަށް ދޫކޮށްލުމަށެވެ. އޭރު މަސް ކިލޯއެއްގެ އަގު ހުރީ ވަރަށް ދަށްކޮށެވެ. އާ ނިންމުމާއެކު މަސްވެރިންނަށް ކޮންމެވެސް ވަރެއްގެ ޔަގީންކަމެއް ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.
ރިޔާސީ ކެމްޕޭނުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ވެރިކަމަށް ވަޑައިގެން މަސްވެރިންގެ އަތުން މަސް ގަންނަ އަގު 20 ރުފިޔާއަށްވުރެ ދަށް ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިގްތިސާދީ ގޮތުން ހުރި ދަތިތަކާ ހެދި އެ އަގުގައި މަސް ގަތުމަށް އުނދަގޫތަކެއް ހުރިކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން ގިނަ މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމީހުން ބުނާ ގޮތުގައި ވައުދުވީ އަގު ނުލިބުމަކީ ބޮޑު މާޔޫސްކަމެކެވެ.
ފިޝަރީޒް މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އަދިވެސް 20 ރުފިޔާގެ އަގު ހޯދައިދިނުމެވެ. އަދި މިހާރު ކަނޑައެޅި 16 ރުފިޔާއަކީ އެންމެ ދަށް އަގު ކަމަށް ވުމުން، ބާޒާރުގައި އަގު ރަނގަޅުވާ ވަރަކަށް މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.އެހެންނަމަވެސް މަސްވެރިން ގޮވާލަމުން ދަނީ ވީހާވެސް އަވަހަކަށް ވައުދުވީ ގޮތަށް 20 ރުފިޔާ ހަމަޖައްސައި ދިނުމަށެވެ.