English Edition
Dhivehi Edition
މާރިޔާ

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، އެމްޑީޕީގެ އާންމު މެމްބަރުންނަށް ނިސްބަތްކުރައްވައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން، އެ ޕާޓީގެ އިސް ލީޑަރެއް ކަމަށްވާ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އާޒިމް މި މޭރުމުން ވާހަކަ ދެއްކެވީ އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މާރިޔާ ސޯޝަލް މީޑިއާގައި ހާމަކުރެއްވި ޝުއޫރުތަކެއްގައި ފާހަގަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވުމާ ގުޅިގެން މެމްބަރުން ތިބީ “ހުން އައިސް ރަޖާލައިގެން” ފިނޑި ބައެއްގެ ގޮތުގައި ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި އެ ދަނޑިވަޅުގައި ޕާޓީ ކޮޅަށް ޖެހީ އޭނާ ކަމަށް ދޭހަވާ މޭރުމަކުން އާޒިމް ވާހަކަ ދެއްކެވުމުން، އެކަމާ މާރިޔާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

އެމްޑީޕީގެ “ރީނދޫ ލަޝްކަރު” ގެ ހިތްވަރަށް ތައުރީފު ކުރައްވަމުން މާރިޔާ ވިދާޅުވީ، 2012 ފެބްރުއަރީ 7 ގައި ވެރިކަން ވައްޓާލުމުންވެސް، ބަޑިއާއި މުގުރާއި ވޯޓާ ކެނަން ފަދަ ތަކެއްޗަށް ބެލުމެއް ނެތި މެމްބަރުން ނުކުތް ކަމަށެވެ. އަދި 2013 ވަނަ އަހަރުގެ ޕީޕީއެމް ވެރިކަމުގައި ގިނަ ސިޔާސީ ފަރާތްތައް ޖަލަށް ލުމުންވެސް، ޖަލު ގޮޅިއާއި ޕެޕަރ ސްޕްރޭއަށް ޖެހިލުންވުމެއް ނެތި އާންމު މެމްބަރުން އިހުތިޖާޖު ކުރިކަން މާރިޔާ ހަނދާންކޮށްދެއްވިއެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަމުން މެމްބަރުންނާ މެދު މިހާ ކުޑައިމީސްކޮށް ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، “އެމްޑީޕީގެ މަންމަ” ގެ ގޮތުގައި ގިނަ މެމްބަރުން ދެކޭ މާރިޔާ ވިދާޅުވިއެވެ. އަދި މެމްބަރުން ފިލާ ތިބި ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް، މޭޔަރު އާޒިމް އެމްޑީޕީގެ އާންމު މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް މާރިޔާ ގޮވާލެއްވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ އެމްޑީޕީ ބޮޑުވަނީ ވަކި ފަރުދަކަށް ވުރެ އެ ޕާޓީގެ އާންމު މެމްބަރުންގެ ސަބަބުން ކަމަށެވެ. އަދި އެމްޑީޕީގެ ރީނދޫ ލަޝްކަރުން ކޮންމެ ދުވަހަކު ވެސް އެކަން ސާބިތުކޮށްދެމުންދާ ކަމަށާއި، ޕާޓީގެ ހުރިހާ ހިތްވަރަކީ ހަމައެކަނި އާޒިމް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ ރަނގަޅު ނޫން ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.

ޓެގު