English Edition
Dhivehi Edition
މިނިސްޓަރު އައިޝަތު ޝިހާމް:-

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް މި ދައުރުގައި މިހާތަނަށް 350 ވަޒީފާގެ ފުރުސަތު ހަމަޖައްސާފައިވާކަމަށް މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓްރު ވަނީ ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކޮށްފައެވެ. ކޮންމެ އަހަރަކުވެސް ޑިސެމްބަރ މަހުގެ 3 ވަނަ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކުރުމާއި އަދި އެފަރާތްތައް ބާރުވެރިކުރުމުގައި ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް އަދި ހިއްސާއެއް އޮންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“ޝައްކެއްނެތް، އިޖުތިމާއީ ރައްކައުތެރިކަން އެންމެ ބޭނުންވާ އެއް ގިންތިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް. މި ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށް، އެފަރާތްތައް ބާރުވެރިކުރުމަކީ އޯގާތެރި މުޖުތަމައުއެއް ގާއިމްކޮށް، ހަރުދަނާ އާއިލާތަކެއް ބިނާކުރުމުގެ އެއް އަސާސް. އަދި މި ސަރުކާރުގެ ވަރަށް މުހިއްމު އެއް އަމާޒު.ފާއިތުވި 2 އަހަރު އަޅުގަނޑުމެންނަށް މިކަމުގައި ހިއްސާވާ އެންމެހާ ފަރާތްތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރުމުގެ ނަސީބު ލިބިއްޖެ. މިކަމުން އަޅުގަނޑުމެންނަށް ދަސްވި އެންމެ ބޮޑު އެއް ފިލާވަޅަކީ އެކުގައި ގުޅިގެން މަސައްކަތް ކުރުމުން ހާސިލް ކުރަން ބޭނުންވާ ނަތީޖާ މާފޮނިވެފައި ކާމިޔާބުކަން. އަޅުގަނޑު ޔަގީންކޮށް އަރުވަނީ ކުރިމަގުގައިވެސް މިގޮތުގައި މަސައްކަތް ކުރުމުގައި އަޅުގަނޑުމެން ދެމި ތިބޭނެކަން.” މިނިސްޓަރު ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ދިނުމުގެ ފަސްމަގަށް ބަލާލާއިރު 3 ކަމެއް ފަހާގަކޮށްލަން މުހިއްމުކަމުކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ކަމަކީ ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެ އަދި ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއްގެ ގާއިމްވެފައި އޮތުންކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ސްކޫލް މަރުހަލާ ނިންމާ، ގާބިލް ފަރާތްތަކަށް، އާމްދަނީ ހޯދޭނެ ހަރުދަނާ ނިޒާމެއްގެ ބޭނުންތެރިކަމާ އަދި މިފަރާތްތަކަށް ދިރިއުޅުމަށް ތަފާތު ހުނަރުތައް ލިއްބައިދިނުމާއެކު ސިޔާސަތު ތަންފީޒު ކުރުމުގައި ގުޅުންހުރި މުހިއްމު ދާއިރާތައް ގުޅިގެން އެކުގައި މަސައްކަތް ކުރުން އެއި ވަރަށް ބޭނުންތެރި ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.