English Edition
Dhivehi Edition
މަޖިލިސް

ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުތަނުން ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. ބިލުގެ އިބުތިދާއީ ބަހުސް ނިންމާލުމަށްފަހު، އެ ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވިކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރަސްމީކޮށް އިއުލާން ކުރައްވާފައެވެ. ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަންނަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހުގެ ދަށުން މިހާރު ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން ނަގަމުންދާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ 50 ޕަސަންޓު، 30 ޕަސަންޓަށް ދަށްކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. މީގެ އިތުރުން ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީވެސް މި މިންގަނޑުން ކުޑަކުރުމަށް ވަނީ ބިލުގައި ހިމަނާފައެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުމަށް އެހީތެރިވެދޭ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގާ ޑިއުޓީ އެއްކޮށް މާފުކުރުން ވެސް މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލު މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއެކު ގާނޫނަށް އަމަލުކުރަން ފަށާނެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެއާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް އާންމުކުރަން ޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން ވަނީ ސިނގިރޭޓް ޑިއުޓީ ބޮޑުކޮށްފައެވެ. ނަމަވެސް އޭގެ ސަބަބުން ވަގަށް ސިނގިރޭޓު އެތެރެކުރުން އިތުރުވުމާއި އާމްދަނީއަށް އަސަރުކުރުމުގެ ކަންބޮޑުވުންތަކާ ހުރެ، ސަރުކާރުން މިހާރު ވަނީ މި ބަދަލު ގެނައުމަށް ނިންމާފައެވެ.

ޓެގު