English Edition
Dhivehi Edition
ޓްރެފިކް ފުލުހަކު ސްޕީޑު ގަން އެއް ހިފައިގެން
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އެއްގަމު ދަތުރުފަތުރުގެ އާ ބިލަކީ، މަގުމަތީގެ ގަވައިދުތަކަށް ބޯލެނބުމަށް ބާރުއެޅުމުގެ އިތުރުން، ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅިފައިވާ އުޅަނދުފަހަރާއި ލައިސަންސްގެ މައްޗަށް ދައުލަތުގެ ބާރު ނުހަނު ބޮޑަށް ފުޅާކުރާ ބިލެއްގެ ގޮތުގައި ފާހަގަކުރެވިއްޖެއެވެ. ޖޫރިމަނާ ފައިސާ ހޯދުމަށް އުޅަނދުތައް ނީލަންކިޔުމާއި، އެހެނިހެން ގާނޫނުތަކާ ހިލާފުވުމުން ވެސް ލައިސަންސް އަތުލެވޭ ގޮތަށް އޮތުމަކީ ރައްޔިތުންގެ ހައްގުތައް “ފިތުމަކަށް” ވެއްޓިގެން ހިނގައިދާނެ ކަމެކެވެ.

މި ބިލުގައިވާ ގޮތުން، ގާނޫނާ ހިލާފުވެގެން ކުރާ ޖޫރިމަނާ 5,000 ރުފިޔާއަށްވުރެ މައްޗަށް ދާ ހާލަތްތަކުގައި، އެ ފައިސާ ނުދައްކާނަމަ ފުލުހުންނަށް ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު ލިބެއެވެ. އެގޮތުން އުޅަނދު ދުއްވުން މަނާކުރުމަށް “ބޫޓު” އެޅުވުމާއި، 72 ގަޑިއިރު ތެރޭގައި ފައިސާ ނުދައްކައިފިނަމަ ޓޯ ކުރުމުގެ އިހުތިޔާރު ދީފައިވެއެވެ. ކަންބޮޑުވުން އެންމެ ބޮޑުވާ ހިސާބަކީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދާ ހަވާލުވުމަށް ދޭ މުއްދަތުގައި ވެރިފަރާތުން ހަވާލުނުވެއްޖެނަމަ، ދައުލަތުން އެ އުޅަނދު ނީލަން ކިޔާލުން ނުވަތަ އެއްކޮށް ނައްތާލަން ހުއްދަ ދީފައިވާ ކަމެވެ. މިއީ މާލީ ދަތިކަމެއްގެ ތެރޭގައި އުޅޭ މީހާގެ އަތުން، އޭނާގެ ދިރިއުޅުމަށް ބޭނުންކުރާ މުދާކޮޅުވެސް ބީވެގެން ދިއުމުގެ ބިރު އޮތް ކަމެކެވެ.

މާލީ ފިއްތުންތަކުގެ އިތުރުން، މި ބިލު ފަރުމާކޮށްފައި އޮތް ގޮތުން މަދަނީ ހައްގުތަކަށް ވެސް ހުރަސްއެޅިދާނެ ކަމުގެ އިންޒާރު މެމްބަރުން ވަނީ ދެއްވާފައެވެ. ދަތުރުފަތުރުގެ ގާނޫނު ނޫން އެހެން ގާނޫނަކާ ހިލާފުވާ ހާލަތްތަކުގައި ވެސް ލައިސަންސް ހިފެހެއްޓިދާނެކަމަށް ބަޔާންކޮށްފައި އޮތުމުން، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޓެކްސީ ޑްރައިވަރުން ހައްގު ހޯދަން ކުރާ ހަޅުތާލެއް ނުވަތަ އެއްވެއުޅުމުގެ ތެރެއިން ހިނގާ ކަމެއްގެ ސަބަބުން، މީހާގެ ދުއްވުމުގެ ލައިސަންސް އަތުލުމަކީ ނުވަތަ ބާތިލްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން މިހާރު ދިރާސާކުރަމުންދާ މި ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަމިއްލަ މުދަލާއި، ލައިސަންސާއި އަދި އިހުތިޖާޖު ކުރުމުގެ ހައްގާ ވެސް ގުޅިފައިވާ މި މުހިންމު ބިލަށް ހިޔާލު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ރައްޔިތުންގެ އަޑު އިއްވުމަކީ، ގާނޫނު ފާސްވެގެން އަންނައިރު ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.